ވޮޝިންޓަން (ފެބަރުއަރީ 24) : އަސީރުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރަމުން ގެންދާކަމަށް ނަން މަޝްހޫރު އެމެރިކާގެ ގުއަންޓެނާމޯ ޖަލު ބަންދުކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއަޅާނެކަމަށް އިދިކޮޅު ރިޕަބްލިކަން ޕާޓީން ބުނެފި އެވެ.


ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މިޗް މެކްނުއެލް ވިދާޅުވީ ގުއަންޓެނާމޯ ޖަލު ބަންދުކުރުމަށް އޮބާމާގެ ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއެޅުމަށް އެގްރޫޕުން ނިންމާފައިވާ ކަމަށާ އެކަމަށް ޓަކައި އޮބާމާގެ ސަރުކާރުން ފާސްކުރަން އުޅޭ ގާނޫނު ހުއްޓުވަން އެގްރޫޕުން ފަސްނުޖެހޭނެކަމުގައެވެ. ގުއަންޓެނާމޯ ޖަލުގައި އެމެރިކާ ސަރުކާރުން އެތަށް ސަތޭކަ މުސްލިމުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޝަރީއަތަކާނުލައެވެ.
މިއީ އިންސާނިއްޔަތާ ޚިލާފު އަދި ޚުދު އެމެރިކާގެ ގާނޫނު އަސާސީއާ ވެސް ޚިލާފު ކަމެކެވެ. ނަމަވެސް މިކަންކުރަނީ އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފަށް ކޮންގްރެސްއިން ފާސްކޮށްފައިވާ ގާނޫނެއް ދަށުންނެވެ.

އޮބާމާގެ ސަރުކާރުން މަސައްކަތް ކުރަނީ މިގާނޫނު އުވާލާ އެހެން ގާނޫނެއް ފާސްކުރުމަށެވެ. މިގާނޫނުގެ ސަބަބުންނާއި ޝަރީއަތަކާނުލައި އެތަށް އަހަރަކަށް އެތަށް ސަތޭކަ ބަޔަކު ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްގެން އެމެރިކާ ގެންގުޅޭއިރު އެމެރިކާގެ މައްޗަށްވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތު ކުރެވިފައެވެ.
ނަމަވެސް އދ.ގެ މުއައްސަސާތަކަށް އެމެރިކާ ހިންގާ ބާރާއި ނުފޫޒުގެ ސަބަބުންނާއި ދުނިޔޭގެ ގައުމުތަކަށް އެމެރިކާގެ ދައްކަމުންގެންދާ ބިރުތަކުގެ ތަކުގެ ސަބަބުން އެމެރިކާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނުކުޅެދިފައެވެ. ގުއަންޓެނާމޯ ޖަލަކީ އަސީރުންނަށް އިންތިހާއަށް އަނިޔާވެސް ކޮށްފައިވާ ޖަލެކެވެ. އެމެރިކާ ސިފައިން އެޖަލުގެ އަސީރުންނާ ދެކޮޅަށް ހިންގި އަނިޔާތަކުގެ ތެރޭގައި ކަރަންޓް ޖެއްސުމާއި ފެނުގައި ގަންބައި ހިފަހައްޓައިގެން ނޭވާ ހާސް ކުރުމާއި ނާޒުކު ގުވަނަންތަކުގައި ތެޅުމުގެ އިތުރުން ޖިންސީ ގޯނާތައްވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަނިޔާތަކުގައި އެޖަލުގެ އެތަށް އަސީރުންނެއްވަނީ މަރުވެގެން ގޮސްފައެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ގުއަންޓެނާމޯ ޖަލަކީ އެމެރިކާ ގަބޫލުކުރާ ޑިމޮކްރެޓިކް އަގުތަކަށް އޮތް ހުތުރެއްކަމަށާ އެޖަލުގެ ސަބަބުން އެމެރިކާ ފަޟީހަތްވެފައިވާ ކަމަށް ވިދާޅުވެ އޭނާގެ ވެރިކަމުގައި އެޖަލު ބަންދުކުރުމަށް ވައުދުވެ ވަޑައިގެންފައެވެ. ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި އަޣްލަބިއްޔަތު އޮންނަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. ގުއަންޓެނާމޯ ޖަލު އުފެއްދީ އެޕާޓީގެ ވެރިކަމުގައި އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖްޑަބްލިޔު ބުޝްއެވެ. އެތަނުގައި މުސްލިމް އަސީރުންނަށް އަނިޔާ ކުރުމުގެ ހަރުކަށި ވިސްނުމަކީ ބުޝްއާއި އޭނާގެ ހައްދު ފަހަނަޅާފައިވާ ޓީމުގެ ވިސްނުމެވެ.

ބުޝްގެ ޓީމުގައި ހިމެނެނީ އޭނާގެ ސަރުކާރުގެ ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑް އާއި އޭނާގެ ނައިބު ޑިކްޗޭނީ ފަދަ ހަރުކަށި އަދި އަނިޔާވެރި ބޭފުޅުންނެވެ. ބުޝްގެ ވެރިކަމުގައި އިރާގާއި އަފްޣާނިސްތާނަށް އެމެރިކާ އަރައި އެދެގައުމުން މިލިޔަކަށްވުރެ ގިނަމީހުން އެއްވެސް ހައްގަކާނުލައި މަރާފައިވާކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)