ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ފައިސާ ދީފައި އެބަހުރި ކަމަށާއި ނަމަވެސް އެ ފައިސާ އަކީ ދައުލަތުގެ ފައިސާ ކަމެއް އެ މެމްބަރުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫގައި ރައްކާތެރި ބޯފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއްވެސް މީހަކަށް ފައިސާ އެހެން މީހެއްގެ އަތުން ލިބުމުން އެ ފައިސާ ހޯދާފައިވާ ގޮތެއް ނުބަލާނެ ކަމަށެވެ. އަދި ފައިސާގެ ފައިދާ އަކީ އެންމެނަށް ވެސް ލިބޭ އެއްޗެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަކު އަނެކަކަށް އެހީތެރިވާން ދޭން ފައިސާ އަދި ސަދަގާތެއްގެ ގޮތުގައިދޭ ފައިސާ ވެސް އެ ބަލައިގަންނަ މީހާ ބަލައިގަނޭތޯ އެއީ ސައްހަ ގޮތެއްގައި އޭނަ އަށް ލިބުނު ފައިސާއެއްތޯ. ނޫނިއްޔާ އެ މީހާ އެ ފައިސާ ހޯދީ ސައްހަ ގޮތެއްގައިތޯ ކާކުތޯ ބަލައިގަންނަނީ. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި އަހުމަދު އަދީބު އެބަ ހުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް އެހީތެރިވެވަޑައިގަންނަވާފައި. އަޅުގަނޑުގެ ސިޔާސީ ހަރަކާތްތަކަށް އަޅުގަނޑަށް ތާއީދުކުރާ ވިޔަފާރިވެރިންގެ ތެރެއިން އެތައް ބަޔަކު 2018 އަށް މަސައްކަތް ކުރުމަށް އަޅުގަނޑަށް އެބަދޭ އެކި އަދަދުތަކުން ފައިސާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އެ ފައިސާތައް މެނޭޖުކޮށްދެއްވީ ކުރީގެ ނައިބު ރައީސް އަދީބު ކަމަށެވެ. އެ ފައިސާތަކުގެ ތަފްސީލެއް ހުދު ރައީސަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ ފައިސާ އަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާ ހިމަނައިގެންދޭ ފައިސާއެއް ކަމެއް އެއްވެސް ބޭފުޅަކަށް އެނގިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ފައިސާ ހިފާ މީހަކު، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީ ނަމަވެސް އެއީ ރައްޔިތުން މަޖިލީހުގެ މެމްބަރެއް ކަމުގައިވީ ނަމަވެސް އޭނައަކަށް ނޭނގޭނެ އޭނައަކަށް ނޭނގޭނެ އެއީ އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތުގެ ހަޒާނާއަށް ހިޔާނާތްތެރި ވެގެން ހޯދާފައި ހުރި ފައިސާ ކަމެއް ނޭނގޭނެ، ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ވެސް ކޮރަޕްޝަނުގެ މައްސަލަތައް ހުރި ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހިނގައި ދިޔަ ކޮރަޕްޝަނުގެ މައްސަލަތައް އޮޑިޓް ރިޕޯޓުތަކުން ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އޭރު ރާއްޖެ އޮތް މިންވަރުން އޭރު ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަކީ މިއަދުގެ ކޮރަޕްޝަނުތަކާ ބަލާ އިރު ކުޑަ މައްސަލަތަކެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ހިތާމަކުރަން ނައިބު ރައީސަކަށް ހުންނެވި ބޭފުޅެއްގެ ތެރެއިން މިވަރުގެ ބޮޑު ސިންގާ ޖަރީމާއެއް ހިނގައިގެން ދިޔައިމާ. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ އެ ޖަރީމާއާ ދޭތެރޭ އަޅުގަނޑުމެން ވިސްނާލާ އިރު އެ ކަމަކީ ހަމަ ކޮށްފަ އޮތް ކަމެއް. ގަބޫލު ވެސް ކުރަން ޖެހޭ އެކަން ކޮށްފާނެ ކަމަށް ވެސް. ކިހާވަރަކަށް ވިސްނުން ގޯސްވީމަތޯ އޭނައާ އެކީ މަސައްކަތް ކުރާ އަދި އެމީހަކު އެ ހިސާބަށް ސިޔާސީ ގޮތުން ގެނެސްދިން ރައީސް، ރައީސްގެ ފުރާނަ ދުއްވާލަން ލޯންޗެއް ގޮއްވާލަން މަސައްކަތް ކުރާނީ. މިއީ ރާއްޖޭގައި މިފަދަ ހާދިސާއެއް ހިނގައި ދިޔަ ފުރަތަމަ ފަހަރު." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނު ހުއްޓިގެން އަންނަނީ ކުރީގެ ނައިބު ރައީސް އަދީބާ ހަމައިން ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް ވަޒީރަކު ޝާމިލު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.