24 Feb 2016, 14:49
ކޮމަންވެލްތުން ރާއްޖެއާ މެދު އަޅާ ފިޔަވަޅު މިއަދު އެނގޭނެ ކަމަށާއި އެޖަމާއަތުން އަޅަން ނިންމާ ކޮންމެ ފިޔަވަޅެއް ވެސް ގަބޫލުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި ރައްކާތެރި ބޯފެނުގެ ނިޒާމު އިފްތިތާހު ކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް، ސީމެގް އިން މިއަދު ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމަށެވެ. އެފަދަ ފިޔަވަޅުތަކެއް އެޅިނަމަވެސް އެކަމަށް ހަމްދު ކުރުމަށް ފަހު، އެކަމުން އަރައިގަނެ، ދިވެހިރާއްޖެ ދާނީ ކުރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ދުސްތޫރައިގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ނިންމާ ނިންމުމާ ދޭތެރޭ ބޭރު ދައުލަތްތަކުން ފާޑު ކިޔަސް، މުޖުތަމައުތަކުން ފިޔަވަޅު އެޅިޔަސް، ޝުކުރުވެރިކަމާ އެކީގައި އަޅުގަނޑުމެން އެކަން ބަލައިގަންނާނަން. އަދި ﷲ އަށް ހަމްދުކުރުމާ އެކީ އަޅުގަނޑުމެންގެ މިސްރާބުގައި ކުރިއަށް ދާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މައްސަލަތަކަށް ބޭރުގެ ސަމާލުކަން ލިބެނީ ރާއްޖެ އަށް ނިސްބަތްވާ ބަޔަކު އެކަމަށް ދައުވަތު ދިނުމުން ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ކިތަންމެވަރަކަށް ޕްރެޝަރު ކުރި ނަމަވެސް، ރާއްޖެއަކީ ބާރުތައް ވަކިވެފައިވާ ގައުމެއްކަމުން ޝަރުއީ ކޯޓުތަކުގައި ކުރާ ހުކުމަކާ ރައީސަކަށް މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުބެހެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން، ބައެއް މީހުން ގާނޫނާ ހިލާފަށް ކުރާ އަމަލުތަކުގެ ސަބަބުން މުޅި ގައުމު އޭގެ "ހިތި ރަހަ" ދެކެން ނުޖެހޭނެ ގޮތަށް، ކޮމަންވެލްތުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން ރާއްޖޭގެ މުވައްސަސާތައް މަސައްކަތް ކުރާގޮތް ބެލުމަށް ރައީސް ޔާމީން ގޮވާލެއްވި އެވެ.
ރައީސް ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަ "ބަދަލުކޮށްލުމަށް" ދެ ގައުމެއްގެ ބޮޑުވަޒީރުންނާ ފޯނުން ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވަމުންނެވެ.