10:00


ނައިބް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު، ސަރުކާރާ އިއްތިހާދުވެ ހުންނަވައި، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއި އެމްޑީޕީގެ އިސްވެރިންނާ މެދު ފިތުނަ އާއި ނަފްރަތު އުފެދޭ ފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.


ސަރުކާރަށް ފާޑުވިދާޅުވެ ނައިބު ރައީސް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ އިއްތިހާދުގެ ލީޑަރ ޑރ.މުހައްމަދު ވަހީދަކީ އެކި ފަހަރުމަތިން ދިވެހި ރައްޔިތުން އެމަނިކުފަނާ އެކި މަސްއޫލިއްޔަތުތައް ހަވާލުކުރެއްވުމުން ވެސް އެ މަސްއޫލިއްޔަތުތައް އަދާކުރުންމަތީގައި ދެމިހުންނެވުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.


އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު،ހޮއްވެވުމުން ވެސް އެޕާޓީގެ މެމްބަރުންގެ ހިތުގައި ނިހާޔަތަށް ނުތަނަވަސްކަން އުފެދުނު ކަމަށާއި އޭރުވެސް ޑރ.މުހައްމަދު ވަހީދަކީ މަސްއޫލިއްޔަތެއް ހަވާލުކޮށްފިނަމަ ފިއްލަވާ، ވެރިކަމާ ޖެހުނީމާ އެނބުރިވަޑައިގެންނަވާ ބޭފުޅެއް ކަމަށްވެސް އެމްޑީޕީގެ މެމްބަރުން ބުނަމުންދިޔަ ކަމަށް ވެސް ނޫސް ބަޔާނުގައިވެ އެވެ.


އެމްޑީޕީގެ ގިނަ ބަޔަކު މިހާރު ނައިބު ރައީސް ސިފަކުރަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމާއި، ދިދަ ޖެހި ކާރާއި ހިލާލީގެ ތަބަކަކަށް ލާފައި ހަވާލުކުރުމުން ވެސް ވެރިކަމުގެ ޝާނާއި ޝައުކަތުގެ ދަހިވެތި ކަމުގައި އުޅުއްވާ އަމިއްލަ އެދުންފުޅު ބޮޑު، ގައުމީ މަސްލަހަތަށް ވުރެ އެމަނިކުފާނުގެ ޕާޓީ އާއި އަމިއްލަ މަސްލަހަތު އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް އެމްޑީޕީގެ އެ ނޫސްބަޔާނުގައިވެ އެވެ. އަދި ނައިބު ރައީސްގެ އެފަދަ ޢަމަލުތައް ތަކުރާރުނުކުރައްވާ، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތަށް ޢަމަލުފުޅުތައް ބެހެއްޓެވުމަށް އެމްޑީޕީގެ ނޫސް ބަޔާނުގައި ނައިބު ރައީސަށް ނަސޭހަތްތެރިވެފައިވެ އެވެ.