ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ނ. ވެލިދޫ އިން ކުޑަކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ފިލަން ވެގެން އެރަށު ފަޅު ގޯއްޗަކަށް ވަންނަން މަސައްކަތްކުރަނިކޮށް ކަމަށެވެ.

އަދި އެ ކުއްޖާ ހައްޔަރު ކުރުމަށް ފަހު، ހުއްޓިގެން ހުރި ދިމާ ބިންމަތި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 183 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ ކުއްޖާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑު ވެސް އޮންނަ ކުއްޖެއް ކަމަށެވެ.

ހަމައެހެންމެ، އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.