ސަރުކާރާއި މަޝްވަރާ ކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ ދައުވަތު ޕާޓީތަކުން ގަބޫލުކޮށް ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ޕާޓީތަކުން ތިބީ ތައްޔާރަށް ކަމަށާއި އަންނަ މަހުގެ 2 ވަނަ ދުވަހު މަޝްވަރާތައް ފައްޓާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއް ޕާޓީތަކުން ދީފައިވާ ކަމަށެވެ. ޝައިނީ ވިދާޅުވީ ބައެއް ޕާޓީތަކުން މަޝްވަރާގައި ބައިވެރިކުރައްވާނެ ބޭފުޅުންގެ ނަންތައް ވެސް ފޮނުވާފައިވާ ކަމަށެވެ.

"މިއަދު ވަރަށް އުފަލާ އެކު ދަންނަވާލަން ބޭނުން ވަނީ ސިޔާސީ ޕާޓީތަކުން ވެސް އެކަން ގަބޫލުކުރައްވާ އަޅުގަނޑުމެން ދައުވަތު ފޮނުވި ހުރިހާ ޕާޓީތަކުން ވެސް މިކަމުގައި ބައިވެރިވާނެ ކަމުގެ އިޝާރާތް މިހާރު ވަނީ ދެއްވާފައި. އަދި ހާއްސަކޮށް ވަރަށް އުފަލާ އެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިވަގުތު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވާ އެމްޑީޕީ އަދި އަދާލަތު ޕާޓީން ހަމަ ލިޔުމުން އަޅުގަނޑުމެންނަށް ކޮންފަމޭޝަން އެބަ އޮތް ފޮނުވާފައި މިކަމުގައި މަޝްވަރާތަކައިގެން ކުރިއަށް ދިއުމަށް ވަޑައިގަންނަވާނެ ކަމަށް އިޝާރާތްް ކުރައްވާފައި،" ޝައިނީ ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ފިޝަރީޒު މިނިސްޓަރު ޝައިނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ : ސަން ފޮޓޯ

އޭނާ ވިދާޅުވީ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ހާސިލު ކުރަން ބޭނުންފުޅުވާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ޕާޓީތަކުގެ މަޝްވަރާތަކަށް ތަންދިނުމުގެ ގޮތުން މިފަހަރުގެ މަޝްވަރާގައި ސަރުކާރުގެ ފަރާތުން ވަކި ހާއްސަ އެޖެންޑާއެއް ހިފައިގެން މަޝްވަރާގެ މޭޒަކަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތިން ކަމަކީ "ޖުމުލަކޮށް ސަރުކާރުން ހާސިލުކުރަން ބޭނުންވާ" ކަންތައްތައް ކަމަށެވެ.

"ނަމަވެސް މަޝްވަރާގެ މޭޒު މައްޗަށް އެޖެންޑާއަކާ އެކީގައި ވަޑައިގެން އެޖެންޑާ ސެޓް ކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލެވިފައި. ސަރުކާރުން އޭގެ ތެރޭގައި ވަކި ހާއްސަ ކަމެއް ހިމަނައިގެން ކުރިއަށް ދާކަށް ނޫން ސަރުކާރުގެ ވިސްނުން ހުރީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ފޮނުވާފައިވާ ސިޓީގައި އެއްވެސް ކަމެއް ޝަރުތު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކަންބޮޑުވުންތައް ހައްލު ކުރެވެން އޮތީ އެންމެން އެކީ އެއް ވާހަކައެއް ދައްކައިގެން ކަމަށެވެ.

"މީޑިއާގައި ފެންނަން ހުރި ބައެއް ކަންތައްތަކާއި ރަސްމީކޮށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ސިޓީގައި ހުރި ވާހަކަތަކާއި ތަންކޮޅެއް ތަފާތު،" ޝައިނީ ވިދާޅުވި އެވެ.