މާލެ-ހުޅުމާލެ ބްރިޖުގެ މަސައްކަތަށް އަދި ރާއްޖެއަށް ނުގެނެވޭވަރުގެ ބޮޑު ޝިޕްމެންޓެއް މާދަމާ ރާއްޖެ ގެންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުޅީފަޅުން ފުލެޓް ގަތް ފަރާތްތަކަށް ހުޅުމާލެއިން ފުލެޓް ލިބޭކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މިހާތަނަށް ރާއްޖެ ނުގެނެވޭވަރުގެ ބޮޑު ޝިޕްމަންޓެއް މާދަމާ އެބައަންނަ ކަމަށެވެ. އެތަކެތި ހިފައިގެން އަންނަ ކަނޑު ބޯޓުގައި ހަތަރު ބާޖާއި ޓަގެއް ހިމެނޭގޮތަށް އެކިކެރޭނުތަކާއި އެކި ތަކެތި ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާދަމައަކީ އިރާދަކުރެއްވިއްޔާ މިކަމުގައި އެންމެ މުހިންމު އެއް ކަންތައް ދިވެހި ރައްޔިތުންނަށް ފެންނާނެ ދުވަސް، ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި އަދި މިހާތަނަށް ރާއްޖެ ނުގެނެވޭވަރުގެ ބޮޑު ޝިޕްމަންޓެއް މާދަމާ އެބައާދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާދަމާ ގެންނަނީ ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި ގެންނަ މުހިންމު ތަކެތީގެ ފުރަތަމަ ޝިޕްމެންޓް ކަމަށާއި އެފަދަ އެތައް ޝިޕްމެއްޓެއް ކުރިއަށްއޮތްތަނުގައި އަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިން ނިންމާފައިވާ ގޮތަށް ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރުގެ މޭ އަދި ޖޫން ހިސާބުގައި ނިންމާލެވޭނެ ކަމަށެވެ.

ބުރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާއިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018 ގައި ބުރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.