މި މަހުގެ ކުރީ ކޮޅު ސަރުކާރުން ޑޮލަރު ގަނެ ވިއްކާ އަގަށް ގެނައި ބަދަލާއެކު ރާއްޖޭގައި ހުރި ހަމަ އެކަނި އަމިއްލަ ހޮސްޕިޓަލް އޭޑީކޭ ހިދުމަތް ތަކުގެ އަގު އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންޑިރެކްޓާ އަހުމަދު އަފްއާލް މިއަދު ވިދާޅުވީ ޑޮލަރުގެ ގަނެ ވިއްކާ އަގަށް ގެނައި ބޮޑު ބަދަލާއި އެކު އެހޮސްޕިޓަލުން ކުރަންޖެހޭ ހަރަދު، އެތައް ތަނަކުން އިތުރުވެފައިވާކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އެ ހޮސްޕިޓަލުން ދޭ ހުރިހާ ހިދުމަތްތެއްގެ އަގުތަކަށް ވެސް އަންނަމަހުން ފެށިގެން ފަސް ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގައި ބޮޑުކުރާނެ ކަމަށެވެ.

"ވިޔަފާރީގައި ދެ މިތިބެން ބޭނުމިއްޔާ އަޅުގަނޑުމެން އެބަޖެހޭ އަގުތަށް ބޮޑުކުރަން. ޑޮލަރަށް މިއައި ބަދަލާއެކު އަގު ބޮޑުވާ ބޮޑުވުމުން ވީހާވެސް ރައްޔިތުންނަށް ލުޔިވާނެ ގޮތަށް އަގުތަށް ބޮޑުކުރެވޭތޯ މިބަލަނީ،" އަފްއާލް ވިދާޅުވި އެވެ.

ޑޮލަރުގެ އަގަށް ގެނައި ބަދަލާއެކު ކާބޯތަކެތީގެ އަގުތައް ވެސް އުފުލެމުންދާއިރު ސިއްހީ ހިދުމަތައް ބޭނުންވާ ބައެއް ތަކެތީގެ އަގުތަށް ވެސް ބޮޑުވެފައި ވާކަމަށް އައްފާލް މިއަދު ވިދާޅުވި އެވެ. އެގޮތުން ސިއްހީ ހިދުމަތަށް ބޭރުން ގެންނަ މުދަލުގެ އަގަށް 20 ޕަސެންޓް އިތުރުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑޮލަރަށް އައި ބަދަލުގެ ސަބަބުން ޑޮކްޓަރުންގެ މުސާރައިން 20 ޕަސެންޓް ދަށަށް ދިޔުމުން އެކަމަކު ޝަކުވާ މިހާރު ލިބެމުން އަންނަ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"އޭބޭފުޅުން މިހާރު ބޭނުމެއް ނުވޭ ރާއްޖޭގައި ތިބޭކަށް ޑޮލަރުން މުސާރަ ނުދެވެންޏާ. އަދި ޑޮލަރުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން މިވަނީ އެ ބޭފުޅުންގެ މުސާރަ ވެސް 20 ޕަސެންޓް ތިރިވެފައި،" އަފްއާލް ވިދާޅުވި އެވެ.
ޑޮލަރުގެ ބުލެކް މާކެޓް ނައްތާލައި ޑޮލަރު ހަމަ އަގުގައި ބެހެއްޓުމަށް ކަމަށް ބުނެ ސަރުކާރުން ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ޕެގް ކުރީއެޕްރީލް 10 ވަނަ ދުވަހު އެވެ.

މާލޭގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިއަދު ބުނީ ހިދުމަތުގެ އަގަށް އަދި އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލު އައުމަކީ ގާތްކަމެއް ކަމަށެވެ.