އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ އޭއެފްސީ ބީ ސެޓްފިކެޓް ކޯޗިން ކޯސް ފުރިހަމަ ކުރި ނުވަ ފަރާތަކަށް ސެޓްފިކެޓް ހަވާލުކޮށްދީފިއެވެ.

އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އާދިލް ޖަލީލް އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 2 ން 21 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިޔަ އެ ކޯހުގައި 18 ފަރާތަކުން ބައިވެރިވި ނަމަވެސް ކޯސް ފުރިހަމަ ކޮށްފައި ވަނީ 13 ފަރާތަކުންނެވެ. އަދި އޭގެ ތެރެއިން ސެޓްފިކެޓް ހާސިލް ކޮށްފައި ވަނީ ނުވަ ބައިވެރިންނެވެ.

އެ ނުވަ ބައިވެރިންގެ ތެރޭގައި ގައުމީ އަންހެން ޓީމުގެ މެނޭޖަރު މަރިޔަމް މުހައްމަދު (މާޔަން) ހިމެނޭއިރު ދެން ސެޓްފިކެޓް ހާސިލްކުރީ ޔޫސުފް އަޒީމް އާއި އަޝްރަފް ލުތުފީ އާއި އަޙްމަދު އަޒުމީ އާއި މުޙައްމަދު ނަޒީހް އާއި އަޙްމަދު ޝާކިރު އާއި ހުސައިން އައްބާސް އާއި އިބްރާހީމް މޫސާ އާއި އަޙްމަދު ނިމާދުއެވެ.

އޭއެފްސީ ބީ ސެޓްފިކެޓް ކޯޗިން ކޯސް ކުރިޔަށް ގެންގޮސްފައި ވަނީ އޭއެފްސީގެ ތަޖްރިބާކާރު އިނިސްޓަކްޓަރުންނެވެ. އަދި ސެޓްފިކެޓް ހާސިލް ކުރި ކޯޗުންގެ ތެރެއިން ކުލަބުތަކުގައި ހަރަކާތްތެރިނުވާ ކޯޗުންނަށް އެފްއޭއެމްގެ ޕްރޮގްރާމްތަކުން ކޯޗިންގެ ދާއިރާގައި މަސައްކަތް ކުރަން ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.