24 Feb 2016, 11:43
މާލެ އާއި ވިލިމާލޭގަ އާއި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލުމަށް ހުޅުމާލޭގައި ސަހަރާއެއް ހަދައިފިއެވެ.
މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެއާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސަހަރާގައި ކަމަށެވެ.
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސަހަރާގައި އެއް ފަހަރާ ހަތަރު މީހުން ހިނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެތަނުގައި ނަމާދު ކުރާނެ ކޮޓަރިއަކާއި މީހުން މަޑުކޮށްލައިގެން ތިބެވޭނެ ކޮޓަރިއެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން، ވިދާޅުވީ އެހޮސްޕިޓަލުގައި މަރުވާ ފަރާތްތަކުން އެމްބިއުލާންސްގައި މަރުވާ މީހުން އުފުލާފެރީ އޮންނަ ސަރަހައްދު ކަމަށްވާ ނަސަންދުރާ ކުރިމައްޗަށް 60 ރުފިޔާއަށް ގެންގޮސްދޭނެ ކަމަށެވެ. ހަމައެހެންމެ އެމްޓީސީސީގެ ފެރީގައި މައްޔިތާ 608 ރުފިޔާއަށް ހުޅުލެއަށް ގެންގޮސް ހުޅުލެއިން ވެހިކަލެއްގައި 160 ރުފިޔާއަށް ހުޅުމާލޭ ސަހަރާއަށް ގެންދެވޭނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަންކަމަށް އާސަންދައިން ކަވަރުކޮށްދޭ ފަރާތްތަކަށް ފައިސާ ދައްކަން ނުޖެހޭއިރު އެހެން ފަރާތްތަކުން ފައިސާ ދެއްކުމުން ހިދުމަތް ދެވިގެންދާނެ ކަމަށެވެ.
މައްޔިތާ އުފުލާ ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖާ އިބްރާހިމް ލަތީފް ވިދާޅުވީ އެކުންފުނިން ބޭނުންކުރާ ފެރީގައި އެއް ފަހަރާ ދެ މައްޔިތުން އުފުލޭނެ ކަމަށެވެ. އާއިލާގެ ފަރާތްތަކުން ދިއުމަށް އެފެރީއަށް އެހާ ގިނަ ފަރާތްތަކަށް ނޭރޭއިރު ހުޅުމާލޭ ފެރީ އާއި ބަސް މެދުވެރިކޮށް މައްޔިތާގެ އާއިލާއާއިި އެހެން ފަރާތްތަކަށް ހުޅުމާލެއަށް ދިއުމުގެ ފުރުސަތު ކޮންމެ ގަޑިއެއްގައިވެސް ހަމަޖައްސައިދޭނެ ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ އެސަހަރާގައި ވަޅުލާ މައްޔިތުންގެ ކަށުނަމާދު ކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ވަގުތީ މިސްކިތުގައި ކަމަށެވެ. އާ ސަހަރާގައި މީހުން ވަޅުނުލިނަމަވެސް އެމިސްކިތުގައި ނަމާދު ކުރާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ ޑިރެޖްޓަރު އަހުމަދު މިރުޝާން ވިދާޅުވީ އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށެވެ. އެޗްޑީސީއިން ލަފާކުރާގޮތުގައި ކުރިއަށްއޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެއެވެ.
މީހުން ވަޅުލުމަށް މީގެ ކުރިން ބޭނުން ކުރަމުން އައި އާސަހަރާ މިސްކިތް މިހާރު ވަނީ ފުރިފައެވެ.