ވޮޝިންޓަން (ފެބްރުއަރީ 24):ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ޒިކާ ވައިރަސް ފެތުރުނު ކަމަށް ބެލެވޭ 14 މީހެއްގެ މައްސަލަ އެމެރިކާއިން ތަހުގީގުކުރަމުންދާ ކަމަށް އެގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ން ބުނެފި އެވެ.

ތަހުގީގު ކުރަމުންދާ މީހުންގެ ތެރެއިން ދެއަންހެނަކަށް ޒިކާ ވައިރަސް ޖެހުނީ އެދެ އަންހެނުންގެ ފިރިމީހާ ޒިކާ ވައިރަސް ފެތުރިފައިވާ ގައުމަކަށް ޒިޔާރަތްކުރުމަށް ފަހު އަނބުރާ އެމެރިކާއަށް އައުމުން ކަމަށް ސީޑީސީން ބުންޏެވެ. އަދި އެ 14 މީހުންގެ ތެރޭގައި މާބަނޑު އަންހެނުންވެސް ހިމެނޭ ކަމަށް ސީޑީސީން ބުންޏެވެ.

ޒިކާ ވައިރަސް އާއްމުކޮށް ފެތުރެނީ އީޑީސް މަދިރީގެ ޒަރިއްޔާއިންނެވެ. ނަމަވެސް، ޖިންސީ ގުޅުމުގެ ސަބަބުން ޒިކާ ފެތުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ސައިންސުވެރިން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް، އެކަން ސާބިތުވާ އެއްވެސް ހެއްކެއް އަދި ހޯދިފައި ނުވާކަމަށް ސީޑީސީން ބުންޏެވެ.

ޒިކާއަކީ އާއްމުކޮށް ނުރައްކާތެރި ވައިރަހެއް ނޫނެވެ. ނަމަވެސް، މިދިޔަ ހަފްތާގައި ބްރެޒިލް އިން ވަނީ ޒިކާއާއި މައިކްރޯސެފަލީއާ ގުޅުންވާ ކަމަށް ބުނާ ތިއަރީއަށް އިތުރަށް ބާރުދޭ ހޯދުންތައް އެގައުމުގެ ސައިންސުވެރިންނަށް ހޯދިފައިވާ ކަމަށް ބުނެފަ އެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ. (އޮޕީނިއަން)