އއ. އުކުޅަހުގައި ރައްކާތެރި ބޯފެނުގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

އުކުޅަހުގައި ފެނުގެ ހިދުމަތް ގާއިމު ކުރުމަށް ޖުމުލަ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ މަޝްރޫއުއަށް ހަރަދުކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަނާއި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްގެން ނެވެ. އެ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓާފައި ވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މަސައްކަތް ނިމިފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން ދުވާލަކު 100 ޓަނުގެ ލޮނުފެން މީރުފެނަށް އުފައްދާ އާރޯ ޕުލާންޓް ބަހައްޓާފައިވެ އެވެ. އަދި ވާރޭފެން ރައްކާތެރި ކުރުމުގެ ގޮތުން 1300 ޓަނުގެ ތާނގީއެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަށުގެ 200 ގެއަކަށް ފެން މީޓަރު ގުޅައި ފެނުގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

އެ މަޝްރޫއުގެ ދަށުން މަސްވެރިންނަށް ފަސޭހައިން ފެން ލިބޭ ގޮތަށް ރަށުގެ ޖެޓީގައި ފެން ދޫކުރުމަށް ހާއްސަ ތަނެއް ވަނީ ހަދައިފަ އެވެ.