24 Feb 2016, 10:58
ކަތަމަންޑޫ (ފެބްރުއަރީ 24):އެކާވީސް މީހުންނާ އެކު ނޭޕާލްގެ ފަރުބަދައެއްގެ މަތިން ދަތުރުކޮށްފައި ދިޔަ އެގައުމުގެ މަތިންދާބޯޓެއް ގެއްލިއްޖެ ކަމަަށް އޮފިޝަލުން ބުނެފި އެވެ.
ނޭޕާލްގެ ޓަރާ އެއާއަށް ނިސްބަތްވާ އެ ފްލައިޓާ ގުޅުން ކެނޑުނީ ޕޮކްހަރާ ސިޓީ އެއާޕޯޓުން ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށާއި، ބޯޓުގެ މަންޒިލަކީ ނޭޕާލްގެ އުތުރުގައި އޮންނަ ޖޮމްސޮމް ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި އެދޭތެރޭގައި ބޯޓު ޖައްސާނެ "ލޭންޑިން ސްޓްރިޕް" އެއް ނޯންނާނެތީ، ބޯޓު ވެއްޓުނީ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"ދެ ހެލިކަޕްޓަރު ބޭނުންކޮށްގެން މިހާރު ވަނީ ސާޗް އެންޑް ރެސްކިއު މިޝަންއެއް ފައްޓާފަ. އަދި ބޯޓު ނުފެނޭ،" އެއާޕޯޓު އޮފިޝަލު ވިދާޅުވި އެވެ.
އެބޯޓުގައި ދަތުރުކުރީ 18 ފަސިންޖަރުންނާއި ތިން ކްރޫ މެމްބަރުންނެވެ. (އޭޕީ)