ގދ. ވާދޫ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ހަމައެކަނި މިނިވަން މެމްބަރު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ގދ. ވާދޫރަށު ކައުންސިލްގައި ކުރިން ތިއްބަވަނީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުނާއި އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެމްބަރެކެވެ. ނަމަވެސް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލުގެ މިނިވަން މެންބަރު ސައީދު ރުޝްދީ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

ވާދޫ ރަށުކައުންސިލްގެ މެމްބަރު ސައީދު ރުޝްދީ މިއަދު ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ހޮވިވަޑައިގަތް ކަމުގައި ވިޔަސް މާކުރިން ފެށިގެން ވެސް އޭނާ އެމްޑީޕީއަށް ތާއީދު ކުރައްވާ ކަމަށެވެ.

ސައީދު ރުޝްދީ އެމްޑީޕީއަށް ސޮއިކުރުމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ހައުސިން އެންޑް އެންވަޔަރްމެންޓް އަހުމަދު އަސްލަމާއި އެމްޑީޕީގެ ޕާލަމެންޓްރީގެ ގިނަ މެމްބަރުން ތަކެއް ބައިވެރިވެޑައިގެންނެވި އެވެ.

ކުރިއްސުރެ އެމްޑީޕީއަށް ތާއީދު ކުރައްވާއިރު އެ ޕާޓީގެ ޓިކެޓްގައި ކައުންސިލަށް ކުރިމަތި ނުލެއްވީ ކީއްވެތޯ ސުވާލުކޮށްލުމުން ސައީދު ވިދާޅުވީ އޭރު އެކަމަށް ވަގުތު ލިބިވަޑައިނުގަތީ ކަމަށެވެ.