24 Feb 2016, 10:17
ޗެމްޕިއަންސް ލީގްގައި ރޭ ލިއޮނަލް މެސީ ކާމިޔާބް ކުރި ދެ ގޯލާއި އެކު 2-0ގެ ނަތީޖާ އަކުން ބާސެލޯނާ މޮޅުވެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އާސެނަލް އަށް ހަނިވެއްޖެއެވެ.
އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމް ގައި ރޭ ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ކުރެވޭ ގޮތެއް ނުވިއެވެ.

ޗެމްޕިއަންސް ލީގްގައި ރޭ އާސެނަލް އާއި ބާސާ ކުޅުނު މެޗުގައި އާސެނަލް ކޮޅަށް މެސީ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ދެވަނަ ހާފްގައި ބާސާ އިން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާ ކޮށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި ބާސާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތަކުން މެސީ ވަނީ ބާސާ އަށް ލީޑް ނަގައިދީފައެވެ. މެސީގެ އެ ގޯލަކީ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ކޮޅަށް އޭނާ ކާމިޔާބް ކުރި ފުރަތަމަ ގޯލެވެ.
އެ ގޯލަށް ފަހު މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ބާސާ އަށް ލީޑް އިތުރަށް ފުޅާ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މެސީ އެވެ. އެ ޕެނަލްޓީއަކީ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން މެތިއު ފްލެމިނީ މެސީ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޗެމްޕިއަންސް ލީގްގައި ރޭ އާސެނަލް އާއި ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށްފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ބާސާ އަކީ މޮޅު ޓީމެއް ކަމަށާއި އެ މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން އެ ކުޅުންތެރިންގެ އެންމެ ފުރިހަމަ ކުޅުން ދެއްކޭތޯ މަސަތްކަތް ކުރި ކަމަށެވެ.
"އާސެނަލް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗު ޑޮމިނޭޓް ކޮށްގެން ކުޅެނި ކޮށް ބާސާ އިން ގޯލެއް ކާމިޔާބް ކުރުން. އެ ގޯލާ އެކު މުޅި މެޗު އެނބުރިގެން ދިޔައީ،" ވެންގާ ބުންޏެވެ.
ރޭގެ އެ މޮޅަކީ ބާސާ މެޗަކުން ބަލިނުވެ ހަމަކުރި 33 ވަނަ މެޗެވެ.
މެޗަށްފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މެޗުގައި ފެނިގެންދިޔަ ހުރިހާ ކަމަކާ މެދު ވެސް ހިތް ހަމަ ޖެހޭ ކަމަށާއި ނަމަވެސް ކުއާޓާ ފައިނަލަށް ދިއުމަށް ކުރިއަށް އޮތް މެޗަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
އާސެނަލް އާއި ބާސާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ބާސާގެ ދަނޑުގައެވެ.