24 Feb 2016, 09:49
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ޒުވާބު ހޫނުވެ، މަޖިލީހުގެ މިއަދު ހެނދުނު ދަންފަޅީގެ ޖަލްސާގެ މެދުކަނޑާލައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ރޮޒައިނާ ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވައި ނިހާން ވާހަކަ ދައްކަވަން ފެއްޓެވުމުން ރޮޒެއިނާ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. އަދި މަޖިލީހުގެ މެމްބަރުންގެ މައިންބަފައިންނާ ނުބެހެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް--ސަންފައިލް ފޮޓޯ
އެ އިސްލާހަށް ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިއަދު 11 ޖަހާއިރު މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމަށް ހުކުމް ކުރުން އެބައޮތް ކަމަށެވެ. އަދި އޭނާ އަށް ދައުވާ އުފުލާފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެގެން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އެގޮތަށް ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު ނިހާނު އޭރުގެ ސަރުކާރާ ދެކޮޅަށް ކުރެއްވި މުޒާހަރާތަކުގައި އަމަލު ކުރެއްވި ގޮތްތައް ކަމަށް ވިދާޅުވެ ބައެއް ވާހަކަފުޅުތައް ދައްކަވައިފަ އެވެ.
"މި މައްސަލަ މިހާ ހިސާބަށް އައިއިރުގައި، ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ބެރިކޭޑު މަތީގައި އިށީނދެ ވަޑައިގެން ހުންނެވި ފޮޓޯ އެބަހުރި. ބެރިކޭޑު މަތީން ފުއްމައިގެން ދާ ފޮޓޯ އެބަހުރި. އަޅުގަނޑު ހިތަށް އަރާ އެކަންކަން ކޮށްފައި ހުރީ ފުލުހުން ދައުވަތު ދީގެންތޯއޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނިހާނު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެއްޗެއް ވިދާޅުނުވެ، ތިބެނީ އެއްޗެއް ވިދާޅުނުވެވިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަޑުމައިތިރި ވެގެން މަޖިލީހުގައި ތިއްބަވަނީ ދަސްވެފައި ހުރި "ޕްރިންސިޕަލުގައި" ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

"މި އިންނެވި ކުރީގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމަށް ހީފުޅުވަނީ މިކަމަނާގެ އެކަންޏޭ އަނގައެއް އޮންނަނީ. ނިކަން ރަނގަޅަށް 1970ގެ ތެރެއަށް ފެއްޓިގެން އަޅުގަނޑުމެން ފައްޓަމާ ހިނގާ. ޗޮށްޕަޓު އާދަމްފުޅުން ފެށިގެން ފައްޓަމާ ހިނގާ. މީނާ އަށް މިނަމެއް ވެސް ނޫނޭ އިއްޒަތްތެރި ރައީސް ކިޔާނީއެއް. މީނާ އަށް ކިޔާނީ ރޮޒެއިނާ ޗޮށްޕަޓު. މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް އައިސް ދިވެހި ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ނުހެއްދެވި ނަމަ..." ނިހާނު ވިދާޅުވި އެވެ.
އެއަށް ފަހު ނިހާނު ވާހަކަފުޅު ކުރިއަށް ގެންދެވީ ރޮޒެއިނާ ނިޒާމީ މައްސަލަ ނަންގަވާ ނިމުމުން ނެވެ. އަދި ނިހާނު ވާހަކަފުޅު ކުރިއަށް ގެންދެވި އިރު ނިހާނުގެ ކުރިފުޅު މަތީގައި ރޮޒެއިނާ ހުންނެވި މަންޒަރު ފެނުނެވެ. އަދި އެވަގުތު ނިހާނު ފެން ކޯވަރެއް އަނގަޔަށް ނެންގެވި މަންޒަރު ފެނިގެން ދިޔަ އެވެ. ހަމައެއާ އެކު ނިހާނުގެ އަނގައިން ފެންތައް ރޮޒައިނާގެ މޫނަށް ބުރުވާލިތަން ފެނުނެވެ. އެހާ އެކު ރޮޒައިނާ ފެންތަށި ނަންގަވައި ނިހާންގެ މޫނަށް ޖެއްސެވި އެވެ.
މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ރިޔާސަތަށް ލިބިދީފައިވާ ބާރުގެ ދަށުން "ހިނދުކޮޅަކަށް މަޖިލިސް މެދުކަނޑާލާ" ކަމަށެވެ. އޭރު މަޖިލިސް ކުރާ ގޭގެ އެއް ފަރާތުގައި ދެ ޕާޓީގެ މެންބަރުން އަރައިރުން ވަމުން ދަނީ އެވެ.