24 Feb 2016, 10:06
ލަންޑަން (ފެބްރުއަރީ 24): ފޭސްބުކުގައި މާގިނަ ވަގުތު ހޭދަކުރާ ކަމަށް ބުނެ ލޯބިވެރިޔާ އަށް ވަޅިން ހަމަލާދީ މަރާލި އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ، ޓެރީ މޭރީ ޕާމާ އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ލެންކެސްޓާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ހިނގި އެހާދިސާގައި މަރުވީ ޕާމާއާ އެކު ދިރިއުޅެމުން ދިޔަ އޭނާގެ ލޯބިވެރިޔާ، ޑޭމަން ސިޔާސަން ކަމަށް ލޭންކްޝަޔާ ފުލުހުން ބުންޏެވެ.
ލޭންކްޝަޔާ އިވްނިން ޕޯސްޓު [އެލްއީޕީ]ގައިވާ ގޮތުން 23 އަހަރުގެ ޕާމާގެ މައްޗަށް ޖަލު ހުކުމް ކުރީ ސިޔާސަން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ދެމީހުންގެ މެދުގައި ކުރި ޒުވާބަކަށް ފަހު ޕާމާ އޭނާގެ ލޯބިވެރިޔާ އަށް ހަމަލާދީ މަރާލުމުންނެވެ.
"އަހަރެން ވާހަކަ ދައްކާ އިރު އަޑުނާހާ އޭނާ އަބަދު ފޭސްބުކް ބޭނުން ކުރާތީ އަހަރެން ވަރަށް ރުޅިއާދޭ. އޭނާ ކުރާ ހަމައެކަނި ކަމަކީ އަންހެންކުދިން [ފޭސްބުކުން] އެޑް ކުރުން،" އެ ހާދިސާ ހިނގުމުގެ ކުރިން ޕާމާ ފޭސްބުކުގައި ޕޯސްޓުކުރި ކަމަށް އެލްއީޕީގައިވެ އެވެ.
އަދި ސިޔާސަން އަބަދު ފޯނަށާއި އެއްޗެހި ގަންނަން ފައިސާ ހަރަދުކުރާތީ ގޭގެ ކުލި ދައްކަން ޖެހެނީ ޕާމާ ކަމަށާއި އެހެންވެ ޕާމާގެ މަންމަގެ ގެޔަށް ބަދަލުވާން އޭނާ ވިސްނަމުން ދިޔަ ކަމަށް ޝަރީއަތުން އެނގުނެވެ.
ސިޔާސަންއަށް ހަމަލާދިނުމަށް ފަހު އެމާޖެންސީ ސާވިސަސް އަށް ގުޅާފައި ޕާމާ ބުނީ ސިޔާސަންގެ ގަޔަށް ވަޅި ހެރުނީ އޮޅިގެން ކަމަށެވެ. ހާދިސާ ހިނގި ގެޔަށް ފުލުހުން ދިޔައިރު ސިޔާސަން އޮތީ ބިންމަތީގައި ފޮތިގަނޑަކުން ނިވާކޮށްފަ އެވެ. އަދި ހަމަލާދޭން ބޭނުން ކުރި ވަޅި އޮތީ ސޯފާ މަތީގަ އެވެ.
ތޭވީސް އަހަރުގެ ސިޔާސަން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ. (އިންޑިޕެންޑެންޓް)