އައްރިއްގާ (ފެބްރުއަރީ 24):އައިއެސް ޖަމާއަތާ ގުޅުމަށް އެކިގައުމުތަކުންދާ ހަނގުރާމަވެރިން އިރާގާއި ސޫރިޔާއަށް ދިޔުމުގެ ބަދަލުގައި ލީބިޔާއަށް ދިޔުމަށް އެޖަމާއަތުން ގޮވާލައިފިއެވެ.

އައިއެސް އިން ނެރޭ މަޖައްލާއެއް ކަމަށްވާ "ދާބިގް" ގައި ބުނާގޮތުން އެޖަމާއަތުގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުންގެ މައި މަރުކަޒެއްގެ ގޮތުގައި މިހާރު ބަލަނީ ލީބިޔާ ކަމަށާއި ޖިހާދުގެ ނަމުގައި އެޖަމާއަތާ ގުޅެންބޭނުންވާ ފަރާތްތައް ދިޔުން ރަނގަޅީ ލީބިޔާގެ ސިރުތު ސިޓީއަށެވެ.

ސިރުތު ސިޓީއަކީ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ އުފަން ރަށެވެ. އެރަށަކީ ގައްޒާފީގެ ވެރިކަމުގައި ވަރަށް ރަނގަޅު ފެންވަރުގައި ބިނާކޮށްފައިވާ ޒަމާނީ ސިޓީއެވެ. ނަމަވެސް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން 2011 ވަނައަހަރު ފެށި ހަނގުރަމައިގާ އެސިޓީގެ ބޮޑުބައެއްވަނީ ހަލާކުވެ ވީރާނާވެފައެވެ.

އެއަށްފަހު ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު އެގައުމުގައި ދެސަރުކާރާއި ދެޕާލަމެންޓް އުފެދި ވާދަވެރި ސިޔާސީ ފަރާތްތަކާއި ގަބީލާތަކުގެ ޒުވާނުން އެބައެއްގެ އަމިއްލަ މަސްލަހަތަށްޓަކައި ލީބިޔާގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ކުރަމުން ގެންދަނިކޮށް ދަނޑިވަޅުބަލާފައި އައިއެސް ޖަމާއަތުންވަނީ ލީބިޔާގެ ގިނައަދަދެއްގެ ޒުވާނުން ހައްލާލައި އެޖަމާއަތުގެ މަޅީގައި ޖައްސައި ލީބިޔާގައި ފައިހަރުކޮށްލާފައެވެ. މިގޮތުން ސިރުތު ސިޓީ ވަނީ ލީބިޔާގައިވާ އައިއެސްގެ މައި މަރުކަޒަށް ހަދާފައެވެ.

ސިރުތުގެ އިތުރުން ލީބިޔާގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ދަރްނާ ވެސް އައިއެސްގެ މަރުކަޒަކަށް ހެދުމަށް އައިއެސް އިން މަސައްކަތް ކުރިއެވެ. ނަމަވެސް ދަރްނާގެ އިސްލާމީ ފިކުރުގެ ޒުވާނުން ހަތިޔާރާއެކު ނުކުމެ ހަނގުރާމަކޮށްގެން އެސިޓީން އައިއެސް ޖަމާއަތްވަނީ ފައްސާލާފައެވެ.

އެމެރިކާއިންވެސްވަނީ އައިއެސް ޖަމާއަތާ ގުޅުމަށް އެކިގައުމު ތަކުންދާ ހަނގުރާމަވެރިން އިރާގާއި ސޫރިޔާއަށް ދިޔުމުގެ ބަދަލުގައި މިހާރު ލީބިޔާއަށްދާ ކަމަށާއި އަދި އެދެގައުމުގައި ތިބި އައިއެސްގެ ކޮމާންޑަރުންވެސް ސިއްރިޔާތުގައި ފިލައިގެން ލީބިޔާއަށް ދާން ފަށާފައިވާކަމަށް ބުނެފައެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ އެލަޔަންސްއަށް ކަނޑައަޅާފައިވާ އެމެރިކާގެ މަންދޫބު ބްރިޓް މެކްޖޯކް ވަނީ އައިއެސްގެ ހަރަކާތްތައް ކަންބޮޑުވާ މިންވަރަށް ލީބިޔާގައި އިތުރުވަމުންދާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެކްޖޯކް ވިދާޅުވީ، އިރާގާއި ސޫރިޔާގައި އައިއެސް ބަލިވަމުން ދިޔުމާއެކު އެޖަމާއަތް ލީބިޔާއަށް ބަދަލުވަމުންދާކަން ހާމަކުރައްވާފައެވެ.

އެމެރިކާއިން ވަނީ މިދިޔަ ހުކުރުދުވަހު ލީބިޔާގެ ސަބްރާތާ ގައިވާ އައިއެސްގެ ޓްރޭނިންގް މަރުކަޒަކަށް ވައިގެ ޙަމަލާތަކެއްދީ އެޖަމާއަތުގެ ސާޅީހަށްވުރެ ގިނަ މީހުން މަރާލާފައެވެ. އަދި އައިއެސްއާ ހަނގުރާމަ ކުރުމަށްޓަކައި ފަރަންސޭސިވިލާތުގެ ބާރެއް ލީބިޔާގެ ބެންގާޒީގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)