ދުނިޔޭގެ މަޝްހޫރު ފައިނޭންސް ޚިދުމަތްދޭ ކޯޕަރޭޝަން "މާސްޓަރކާޑް"ގެ ޚިދުމަތްތައް އިންޓަނެޓު މެދުވެރިކޮށް ހޯދުމުގައި، ޕާސްވޯޑެއް ނުވަތަ ޕިން ކޯޑެއް ޖެހުމުގެ ބަދަލުގައި ކާޑުގެ ވެރިފަރާތުގެ ސެލްފީއެއް ނުވަތަ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް ޚިދުމަތް ބަދަލު ކުރަމުން އަންނަ ކަމަށް އެކުންފުނިން އިއުލާނު ކޮށްފި އެވެ.

މާސްޓަރކާޑުން ބުނީ، އޮންލައިންކޮށް ވިޔަފާރި ކުރުމުގައި، މާސްޓަރކާޑް ބޭނުންކުރާ މީހެއް ނަމަ ޕިން ކޯޑުގެ ބަދަލުގައި ވެރިފިކޭޝަނަށް ފޮނުވަން ޖެހޭނީ ސެލްފީއެއް ކަމަށެވެ.

ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް އަދި ވިލާތުގެ އެހެން ގައުމުތަކަށް މާސްޓަރކާޑުން މި ޚިދުމަތް ތައާރަފު ކުރާނެ ކަމަށް އިއުލާނު ކޮށްފައިވާ އިރު، އެކުންފުނީގެ ސެކިއުރިޓީ ސޮލިއުޝަންސްގެ ރައީސް އަޖޭ ބައްލާ ވިދާޅުވީ އޮތެންޓިކޭޝަން ޓެކްނޮލޮޖީއަށް އިނގިލީގެ ނިޝާން ނުވަތަ ސެލްފީ ނެގުން ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި މުޅި ދުނިޔޭގައި ވެސް އާންމު ވާނެ ކަމަށެވެ.

މާސްޓަރކާޑް ބޭނުންކުރާ އިރު ކާޑު ބޭނުންކުރާ ފަރާތް ވެރިފައި ކުރުމަށް ސެލްފީ އޮތެންޓިކޭޝަން ހެދުމަށް ބޭނުންވާ ނަމަ، މާސްޓަރކާޑުން ތައާރަފުކުރާ ޚާއްސަ އެޕްއެއް ފޯނަށް ޑައުންލޯޑު ކުރަން ޖެހޭނެ އެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އެ އެޕްލިކޭޝަން މެދުވެރިކޮށް ސެލްފީއެއް ނަގައި، ކާޑު ބޭނުންކުރަނީ އެ ކާޑު ނިސްބަތްވާ ފަރާތްތޯ ބެލުމަށް ސްކޭން ކުރެވެ އެވެ.

މި ސެލްފީއަކީ އަސްލު ސެލްފީއެއް ކަމާއި، ވަގުތުން ނެގުނު ސެލްފީއެއް ކަން މި ސްކޭނުން ދެނެގަނެ އެވެ. މިކަން ދެނެގަންނަނީ، ސެލްފީ ނަގާ އިރު އެސްފިޔަ ޖެހުމަށް ކަސްޓަމަރުންނަށް ބާރު އަޅައިގެންނެވެ.

މީގެ އިތުރުން، ފިންގަރޕްރިންޓް ރީޑު ކުރެވޭ ބައެއް ފޯނުތަކާއި ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކަށް ސެލްފީ ނެގުމުގެ ބަދަލުގައި ސީދާ ފިންގަރޕްރިންޓް ޖަހައިގެން މާސްޓަރކާޑުން ވިޔަފާރި ކުރެވޭނެ ގޮތް ވެސް އެކުންފުނިން ދަނީ ހަމަޖައްސަމުންނެވެ.

މަސްދަރު: ފޮކްސް 59