"ވެށި ފަހިމާލެ ޕްރޮގްރާމް" މަޝްރޫއުގެ މަސައްކަތްތައް ކުރުމަށްޓަކައި "ވެށިފަހިމާލެ ޕްރޮގްރާމްގެ އޮފީސް" އެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެ އޮފީސް އުފެއްދެވީ އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ރައްޔިތުން "ބިންވެރި" ކުރެއްވުމުގެ ސިޔާސަތުގެ ދަށުން، މާލޭގެ ރަށްވެހިންގެ ތެރެއިން ބޯހިޔާވަހިކަން ނެތް މީހުންނަށް، ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށާއި، މާލޭގައިވާ ހުސްބިންތައް އިޖްތިމާއީ އިޤްތިސާދީ އަދި މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަރައްޤީ ކުރުމުގެ މަޤްސަދުގައި ސަރުކާރުން ހިންގާ "ވެށިފަހިމާލެ ޕްރޮގްރާމް" މަޝްރޫއުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ކަމަށާއި އެ އޮފީސް ހިނގަމުންދާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ ވަކި އޮފީހެއްގެ ގޮތުގައި ކަމަށެވެ.

"ވެށިފަހިމާލެ ޕްރޮގްރާމްގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވީ، ވެށިފަހިމާލެ ޕްރޮގްރާމަކީ، ވަރަށް ގިނަ ފަރާތްތަކެއްގެ ދައުރު އޮވެގެން ކުރިއަށް ގެންދެވޭނެ ޕްރޮގްރާމަކަށްވާތީ އާއި، އެ ޕްރޮގްރާމަކީ، މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްގެ މަސައްކަތްތައް، ވިލަރެސް ކުރާނެ އޮފީހެއް ހުރުމަކީ، މުހިންމު ކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ 1800 އާއިލާ އަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓްތަކުން އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރަނީ ރާވާފައި ވަނީ 1750 ޔުނިޓެވެ. އެއީ މާލޭން 500 ހައުސިން ޔުނިޓާއި ހުޅުމާލޭން 250 ޔުނިޓާއި ހުޅުމާލޭން 1200 އަކަފޫޓުގެ 250 ގޯއްޗެވެ.