މިއުޒިކް ޕްރޮޑިއުސަރުގެ ފަރާތުން ޖިންސީ ޝިކާރައަކަށްވި އެމެރިކާގެ ލަވަކިޔުންތެރިޔާ ކެޝާ ރޯޒް ސާރބަޓް އަށް މިއުޒިކް ޕްރޮޑިއުސް ކޮށްދިނުމަށް މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަދި ޑީޖޭ "ޒެޑް" ހުށަހަޅައިފި އެވެ.

ކެޝާ ބުނެފައި ވަނީ މީގެ 10 އަހަރު ކުރިން، އޭނާގެ ޕްރޮޑިއުސަރު ލޫކަސް ގޮޓްވަލްޑް (ޑރ. ލޫކް) އޭނާ އަށް ބޭހެއް ކާންދީގެން މަސްތު ކުރުމަށް ފަހު އޭނާ ރޭޕްކުރި ކަމަށާއި އޭގެ ފަހުން ޑރ. ލޫކް އަންނަނީ އޭނާ އަށް ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ ގޮތުން ވެސް ތަކުރާރުކޮށް ގޯނާ ކުރަމުން ކަމަށެވެ.

މިކަމާ ގުޅިގެން ކެޝާ ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުން ނިންމާފައި ވަނީ ކެޝާއާއި ސޮނީއާ އެކު ވެފައިވާ ކޮންޓްރެކްޓް ސައްހަ ހާލަތުގައި އޮތް އިރު، ކޮންޓްރެކްޓް އުވާނުލެވޭނެ ކަމަށެވެ.

ކެޝާ

މެންހެޓަން ސުޕްރީމް ކޯޓުން ކަނޑާއަޅާފައި ވަނީ، ކެޝާ ސޮނީ މިއުޒިކް ދޫކޮށްލައިފި ނަމަ ކުންފުންޏަށް އަގު ނުކުރެވޭނެހާ ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓުގައިވާ ގޮތުން، ކެޝާ ސޮނީގައި އޭނާގެ ޕްރޮޑިއުސާ ޑރ. ލޫކްއާ އެކު އިތުރު ހަ އަލްބަމް ހަދަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ކެޝާއަށް މި ހާލަތު ދިމާވުމުން، މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު ޒެޑް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ކެޝާ އަށް ދިމާވެފައިވާ ކަންތަކާ މެދު އޭނާ ހިތާމަ ކުރާ ކަމަށާއި މިއުޒިކް ޕްރޮޑިއުސް ކުރުމުގައި ކެޝާ އެހީ ބޭނުންވާ ނަމަ ޒެޑް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކެޝާ އަށް ހިތްވަރު ދިނުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވަނީ މި ހަފްތާގައި ކެޝާއަށް 250،000 ޑޮލަރު ހަދިޔާ ކޮށްފަ އެވެ.

ޓޭލަ ސްވިފްޓްގެ ތަރުޖަމާނު ބުނެފައި ވަނީ، ކެޝާއަށް ކުރިމަތިވެފައިވާ ހިތްދަތި ދަނޑިވަޅުގައި މާލީ އެއްވެސް ކަމެއްގައި އެހީއެއް ބޭނުންވެދާނެ ކަމަށް ޓަކައި، ޓޭލާ ސްވިފްޓް ކެޝާއަށް 250،000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ކެޝާއަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް އަންހެން ލަވަކިޔުންތެރިން ވަނީ ޓުވީޓު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މައިލީ ސައިރަސް، އާރިއާނާ ގްރާންޑޭ، ލޯޑް، ޑެމީ ލޮވާޓޯ އަދި ލޭޑީ ގާގާ ހިމެނެ އެވެ.