އިންޑިއާގައި، ދައުލަތާއި އިދިކޮޅު ހަރަކާތެއްގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށް، ދައުވާ އުފުލާފައިވާ ޔުނިވާސިޓީ ދަރިވަރެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ކުރިޔަށް ގެންދަނިކޮށް ކޯޓުގެ ބޭރުގައި އެއްވެ ތިބި ނޫސްވެރިންނާއި، ޔުނިވާސިޓީ ދަރިވަރުންނާއި މުދައްރިސުންނަށް ހަމަލާ ދޭން މަސައްކަތް ކުރި ގާނޫނީ ވަކީލަކު ހައްޔަރު ކޮށްފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ކުރާގެއަށް 2001 ވަނަ އަހަރު ހަމަލާ ދިން ކަޝްމީރުގެ ޓެރަރިސްޓު އަފްޒަލް ގުރޫގެ މަރުގެ ހުކުމް ތަންފީޒު ކުރި ދުވަހުގެ ހަނދާނުގައި ޖަވާހަރުލާލް ނެހްރޫ ޔުނިވާސިޓީގެ ދަރިވަރުން އިންތިޒާމުކޮށް ބޭއްވި ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމުން، "ދައުލަތާ އިދިކޮޅު ހަރަކާތެއްގައި ބައިވެރިވި"ކަމުގެ ދައުވާ އުފުލާފައިވަނީ އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ ލީޑަރު އަދި ދަރިވަރު ކަންހައްޔާ ކުމާރުގެ މައްޗަށެވެ.

މިދިޔަ ހަފްތާގައި އޭނާގެ ޝަރީޢަތުގެ އަޑުއެހުމެއް ކުރިޔަށް ދިޔަ އިރު، ކޯޓު ހިންގާ އިމާރާތުގެ ބޭރަށް ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ނޫސްވެރިން ޖަމާވި އެވެ.

ނަމަވެސް ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ ވަގުތު، އެ ސަރަހައްދުގައި ތިބި ނަން މަޝްހޫރު ގާނޫނީ ވަކީލުންތަކެއް ވަނީ، އެއްވެ ތިބި ދަރިވަރުންނާއި މުދައްރިސުން އަދި ނޫސްވެރިންނަށް ހަމަލާ ދީފަ އެވެ.

މި މައްސަލައިގައި ޔަޝްޕަލް ސިންހް ނަމަކަށް ކިޔާ ވަކީލަކު ހައްޔަރުކޮށްފައިވާ އިރު، އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލުމާއި އެކު، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތިން ގަޑި އިރުގެ ތެރޭގައި، ހައްޔަރުކޮށްފައިވާ ޖޭއެންޔޫގެ ދަރިވަރު ކަންހައްޔާ ކުމާރުގެ ގައިގައި ތަޅައި ހެދި ކަމަށް އިއުތިރާފުވާ ވީޑިއޯއެއް ޓީވީ ސްޓޭޝަނަކުން ވަނީ އާންމު ވެސް ކޮށްފަ އެވެ.

އެ ވީޑިއޯގައި އޭނާ ބުނަނީ، އެތަނުގައި ތިބި ފުލުހުން ޔުނިފޯމުގައި ނުތިބި ނަމަ އެވަގުތު އެމީހުން ވެސް އެކަމުގައި ބައިވެރި ވީސް ކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި ހުރެގެން އެ ދަރިވަރަށް އަނިޔާ ކުރަން ބޭނުންވާތީ، ކަފާލާތުގެ ދަށުން މިނިވަން ވުމަށް ފުލުހުން ހުށަހަޅާނެ ހުށަހެޅުން ގަބޫލު ނުކުރާނެ ކަމަށްވެސް އޭނާ ބުނެ އެވެ.

މި މައްސަލައިގައި ހިމެނޭ ވަކީލު ސިންހްގެ އިތުރުން ވިކްރަމް ޗައުހަން އަދި އޯމް ޝަރުމާއާއި ދެކޮޅަށް ހުށަހެޅޭ ޕެޓިޝަންތަކެއް ބަލައިގަތުމަށް އިންޑިޔާގެ ސުޕްރީމް ކޯޓު ވަނީ އެއްބަސް ވެސް ވެފަ އެވެ.

މަސްދަރު: އެންޑީޓީވީ