މަލިކު ސަރުކާރުގެ ރަސްމީ މުއާމަލާތްތައް ދިވެހި ބަހުން ނުވަތަ މަހަލްބަހުން ކުރުމަށް ނިންމައި މަލިކުގެ އިދާރާތަކުން އިއްޔެ އެކަން އިއުލާނުކޮށްފައިވާ ކަމަށާއި އެއީ ދިވެހިންނަށް ލިބުނު އުފަލެއް ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވެއްޖެ އެވެ.

މާލޭގެ ގިނަ އަދަދެއްގެ ސުކޫލުތަކުން ބައިވެރިވެގެން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ރަސްފަންނު ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޝްރަފު ވިދާޅުވީ މަލިކުގައި މާދަރީބަހުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މަލިކުން ދިން އެންމެ އުފާވެރި ހަބަރަކީ މަލިކުގެ ރަސްމީ މުއާމަލާތްތައް ދިވެހި ބަހުން ނުވަތަ މަހަލް ބަހުން ކުރުމަށް އެރަށުގެ ސަރުކާރުން ނިންމުން ކަމަށް އަޝްރަފު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ފިޔަވައި ދިވެހިބަހުން ވާހަކަދައްކާ ބަޔަކު ދެންތިބީ މަލިކުގައި. މަލިކުގެ ލޮބިވެތި އަހުންނާއި އުހުތުންނަށް އެލިބުނު ފާގަތިކަމަކީ ހުދު ދިވެހިބަހަށްވެސް ލިބުނު ބައިނަލްއަގްވާމީ ބާރެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އަޝްރަފު ވިދާޅުވި އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މަލިކުގައި ހިންގި ހަރަކާތްތައް -- ފޮޓޯ -- އެފްބީ

މަލިކުގައި ކުލަގަދަކޮށް މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފައިވާއިރު، އެ މީހުން އެ ދުވަސް ފާހަގަ ކުރީ ދިވެހިބަހުންނެވެ. ދިވެހިބަހާ އެއްގޮތް ކަމެއް ހުންނަ އަދި ލަފުޒުތައް ވެސް ދިވެހިބަހުން ބޭނުންކުރާ މަލިކުގައި އެމީހުންގެ ބަހަށް ކިޔަނީ މަހަލް ބަހެވެ. ބަހުގެ މާހިރުން ވިދާޅުވާ ގޮތުން މަހަލް ބަހަކީ ދިވެހި ބަހާ ވަރަށް ގުޅުން ހުރި ދިވެހި ލަފްޒުތަކާއި އެ ބަހުގެ ލަފަޒުތަކާ ގުޅުން ހުރި ބަހެކެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކޮށް މަލިކުގެ ސްކޫލު ކުދިން ވަނީ އެ ގައުމުގެ ސަގާފީ ހެދުމާ އެކު ޕިކަޕު ބުރެއް ޖަހައިފަ އެވެ. އެ މީހުން ޕިކަޕު ބުރުޖަހަން ތައްޔާރުކޮށްފައި ހުރި ޕިކަޕުގައި ވެސް ހުރި ދިވެހިން ބޭނުންކުރާ ތާނަ އަކުރު ބޭނުންކޮށްގެން ލިޔެފަ އެވެ. އެގޮތުން ހ. ށ. ވެސް އެންމެ ފަހު އަކުރާ ޖެހެންދެން ބޮޑެތި ޕޯސްޓަރުތަކުގައި ލިޔެފައި ހުއްޓެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މަލިކުގައި ހިންގި ހަރަކާތްތައް -- ފޮޓޯ -- އެފްބީ

މިރޭ ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހުން ސުކޫލުތަކުގެ ކުދިން ވަނީ ހުށަހެޅުންތައް ހުށަހަޅައިދީފަ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ ބަހުރުވަ ބޭނުންކޮށްގެން ވެސް ހުށަހެޅުންތައް ވަނީ ދައްކާލާފަ އެވެ.

ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ފެންވަރު ރަނަގަޅު ތައުލީމު، ކިޔަވައިދޭން ބޭނުން ކުރާ ބަސް، ނެރެން ބޭނުންވާ ނަތީޖާ" އެވެ.