ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން އދ. މާމިގިއްޔަށް ދިޔަ މައްސަލާގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މުހުތާޒުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ މުހުތާޒު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު މުހުތާޒުގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ.

މުހުތާޒު ބަނދުގެ އިސްތިއުނާފު މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް ކޯޓު އަމުރު ހޯދުމަށް މިދިއަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާކަންހާއިރު ލޯންޗެއްގައި މާލެއިން ފުރައިގެން މުހުތާޒު މާމިގިއްޔަށް ގޮސް އެރަށުގެ މެޖިސްޓްރޭޓަކާ ގުޅިގެން މާމިގިލި މެޖިސްޓްރޭޓް ކޯޓު ހުޅުވައިގެން ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް މުހުތާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ހައިކޯޓުން އިތުރަށް ބުނެފައި ވަނީ މުހުތާޒު ދޫކޮށްލާފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި ބުނީ އޭނާ ދޫކޮށްލާފައި ބެހެއްޓުމުން މައްސަލައިގެ ހެކިބަސްދޭން ހުރި ފަރާތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ.

މުހުތާޒުގެ އިތުރުން ދެން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް، ގއ. މާމެންދޫ، ވީނަސް އަހްމަދު ނިހާނެވެ. އޭނާގެ ބަންދަށް ހައިކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.