23 Feb 2016, 20:08
ފިިނިފެންމާ ލޯންޗު ގޮއްވާލުމުގެ ނުރައްކާތެރި ހާދިސާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރި ނުވާ ކަމަށް ހެދުން އެއީ ނެތް ގޮތެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫގައި ބޯފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް، އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުރި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ލޯންޗެއް ގޮއްވާލަން އުޅެން ޖެހުނީ ކީއްވެގެންތޯ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ކަމަށެވެ.
"ކިތައް މައުސޫމު މީހުންތޯ އެލޯންޗުގައި ތިބީ. ކިތައް މީހުންގެ ފުރާނަ ގެއްލޭވަރުގެ ހާދިސާއެއްތޯ އެއީ. މިއަދު މިދައްކަނީ ކީއްވެގެންހެއްޔޭ އަދީބު ހައްޔަރުކޮށްފައި އިނީ. ކީއްވެގެން ހެއްޔޭ އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުވަތަ މަރުގެ ދައުވާ ނޫފުލާ ކޮރަޕްޝަންގެ ދައުވާ އުފުލަނީ. ދައުވާ ކުރުމަކީ ޕްރޮސެކިއުޓަރު ޖެނެރަލް ކުރާނެ ކަަމެއް. ޕީޖީއަށް އެކަން ކުރެވޭނީ މައްސަލަތައް ބަލައި ތަހުގީގުކޮށްފައި ފުލުހުންގެ އިދާރާއިން ޕީޖީއަށް ފޮނުވީމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގެ ޖިނާއީ ތަހުގީގު މިހަފްތާ ނުވަތަ އަންނަ ހަފްތާގެ ތެރޭގައި ނިންމައި ދައުވާ އުފުލޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކައަށް އަލިއަޅުއްވާލައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ހަޒާނާއިން 80 މިލިއަން ރުފިޔާގެ ހިޔާނާތް އަދީބު ވެފައި ވަނީ އޭނާއާއެކު މަސައްކަތް ވަޒީރުންނަށް ވެސް އެނގިގެން ނޫން ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން މިހާރު ވަނީ ފިސްތޯލަ ގެންގުޅު މައްސަލާގައި ކޮރަޕްޝަނުގެ ދައުވާ އާއި، ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލާފަ އެވެ. އަދީބު ވަނީ އެ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ.

ޖަނަވަރީ 10، 2016: މޭޑޭގައި ފިސްތޯލެއް ގެންގުޅުން ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަށް އަދީބު ކޯޓަށް ހާޒިރު ކުރުން -- ސަންފޮޓޯ/ ޔޫސުފް ސޮއްފާން
ރާއްޖޭގައި އުނިކަންތައްތަކެއް ހުއްޓަސް ފަހުރުވެރިވާންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށާއި، ފަހުރުވެރި ކަންތައްތަކުގެ ވާހަކަ ދައްކާފަ އެފަހުރާއި އެކީ ކުރިއަށްދާން މިސްރާބު ޖެހިއްޔާ ރާއްޖޭގެ ގައުމީ ނައު ދަތުރުކުރާނީ ރަނގަޅު ހެޔޮ މިސްރާބަކަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތަށް ގެއްލުން ދޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމާއި ވިސްނަން ޖެހޭ ކަމަށެވެ. އަދި ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ ހިނގައިދިޔަ ހާދިސާ އެހެން އެއްވެސް ތާކު ތަކުރާރުވާން ބޭނުން ނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ތަކެއްޗަށް ގެއްލުންދީގެން "މުޅި މުޖުތަމައުގެ މައުސޫމުކަން ނަގާލަން" އެއްވެސް ފަރުދަކަށް ހައްގެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ނަޝީދަށް ވެސް ދަންނަވާލަން ބޭނުންވަނީ. މަނިކުފާނަކީ ފަރުދެކޭ. މުޅި ރާއްޖޭގެ މައުސޫމުކަން ތިގޮތަށް ނަގާލަން ތިކުރައްވާ މަސައްކަތަކީ އެކަމާއި މަނިކުފާނު އެކައުންޓަބަލް ކުރާނެ މަސައްކަތޭ. އެހެންވީމަ އެކަން ނުކުރައްވާށޭ. އެއީ ކުރަންވާނެ ކަންކަމެއް ނޫން.،"ރައީސް ޔާމީން
ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު ހައްޔަރުކުރައްވަން އޭރު ހުންނެވި ރައީސް އަމުރުކުރެއްވީމަ، ކޯޓުން އެމައްސަލަ ބަލައި ހުކުމެއް އައިމައި އެކަން ތަހައްމަލު ނުކުރެވިގެން އުޅޭ އުޅުން މިހާރު ފެންނަކަމަށާއި އެއީ ހަގީގަތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަން ނޭންގޭ ކުދިބޮޑު އެއްވެސް މީހެއް ރާއްޖޭގައި ނުހުންނާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ނަޝީދާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގައި ތިބޭއިރު ވެރިކަމުގައި ތިބޭ މީހުން އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެގެން ނުވާނެ ކަމަށާއި މިއަދު އެމަނިކުފާނުު ގޮސް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ތަޅުއަޅުވަން އެއްވެސް ރައްޔިތަކު އެދިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭހައި ހިނގާފައި ހުރި ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއީ އޭރު ހުންނެވި ރައީސް ކުރައްވާފައި ހުންނެވި ކަންތައްތަކުގެ ވާހަކަ މި ދައްކަނީ. އެކަމު މިއީ އެންމެ ޑިމޮކްރެޓިކް ރައީސް. ޑިމޮކްރެޓިކް ރައީސަކަށް ވަނީ ކިހިނެއްތޯ. އިންތިހާބެއްގައި ވާދަކުރައްވައިގެން ހޮވިވަޑައިގަތީމަ. ދިވެހިރާއްޖޭގައި އެހެންވެސް ބޭފުޅުން އެބަތިބި އިންތިހާބުތަކުގައި ވާދަކުރައްވައިގެން ހޮވިވަޑައިގެންފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ހުދުމުހުތާރު ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ރައީސް ނަޝީދުގެ ކިބައިގައި ފުރިހަމަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ބޭރުގަ ޖަމިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށް ރާއްޖެއަށް ފާޑުކިޔާފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.