23 Feb 2016, 18:04
އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބަލެސްޓިއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ނިއުރޭޑިއަންޓްގެ ރިލްވާން ވަހީދު (ރިލޭ) ކާމިޔާބު ކޮށްދިން ގޯލާއެކު 2-2ގެ ނަތީޖާ އަކުން އެއްވަރުވެއްޖެ އެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް 'އެފް'ގައި މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ފެށިގެން ފުރަތަމަ 20 މިނެޓުގައި ނިއު އިން ރަނގަޅު ކުޅުމެއް ދައްކައި ބަލެސްޓިއާގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ.
އެގޮތުން ނިއުގެ ހެސައިން ލާމާން އާއި ހަމްޒާ މުހައްމަދު (ހަމްޕް) އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލަކަށް ބަދަލުކޮށްނުލެވުމުގެ ނަތީޖާ އަކަށްވީ ބަލެސްޓިއާއިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގުމެވެ. އެ ގޯލު 36 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފަޒްލީ އެވެ.
އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބަލެސްޓިއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ހަމްޕް އަތުން ބޯޅަ ހޯދުމަށް ބަލެސްޓިއާގެ ކުޅުންތެރިން މަސަތްކަތް ކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ބަލެސްޓިއާގެ އެ ގޯލަށް ފަހު އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުގެ ގޯލަށް އަމާޒު ކޮށް ނުރައްކާތެރި ދެ ބޯޅައެއް ފޮނުވާލާފައެވެ. ނަމަވެސް ނިއުގެ ކީޕަރު ސުލޭމާނު ވަނީ ހުޝިޔާރު ކަމާއި އެކު އެ ދެހަމަލާ ވެސް ދިފާއު ކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓްގައި ނިއުއިން ވަނީ ގޯލެއް ކާމިޔާބްކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެ ގޯލު އިއްޒަތު އަބްދުލް ބާރީ ގޯލުގެ ތެރެއަށް ފޮނުވާލީ އަރިމަތިން ހަމްޕް ހުރަސްކޮށްލި ބޯޅައަކުންނެވެ. އިއްޒަތު އަކީ މިދިޔަ ސީޒަނުގައި މިހާރުގެ ނިއުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފްގެ އިރުޝާދުގެ ދަށުން މަހިބަދޫ ސްޕޯޓްސް ކުލަބަށް ކުޅުނު ކުޅުންތެރިއެކެވެ.
ނިއުގެ އެ ގޯލަށްފަހު ވެސް އެ ޓީމަށް ވަނީ ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފެ އެވެ. އެގޮތުން ބަލެސްޓިއާ ގޯލު އޭރިއާތެރެއިން ހަމްޕް ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއިރު ލަމާން ނަގައިދިން އެ ކޯނަރު މައިކަލް ބޮލުން ފޮނުވާލި ނަމަވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބަލެސްޓިއާ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ މެޗުގައި ދެވަނަ ފަހަރަށް ބަލެސްޓިއާއަށް ލީޑު ނަގައި ދިނީ 69 ވަނަ މިނެޓްގައި ގޯލު ކުރި މައްޗަށް ހުރަސް ކޮށްލި ބޯޅައެއް ނިއުގެ ގޯލަށް ވައްދާލައިގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ފާދިލް އެވެ.
އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ނިއު ސާލާމަތްކޮށް ދިން ގޯލު އިތުރު ވަގުތު ގޮތުގައި ދެއްކި ތިން މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި ކާމިޔާބް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ރިލޭ އެވެ.
ނިއު އާއި ބަލެސްޓިއާ ހިމެނޭ އެ ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގް ލީގުގެ ޗެމްޕިއަން ކިޗީ އާއި ފިލިޕީންސް ޔުނައިޓެޑް ކަޕުގެ ޗެމްޕިއަން ކާޔާ އެފްސީ އެވެ.
ނިއު ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ރަށުން ބޭރުގައި ކިޗީއާ ދެކޮޅަށެވެ.