23 Feb 2016, 18:09
އަބުރާ ބެހުމުން ކުރާ ޖޫރިމަނާ ބޮޑުކޮށް، ޖޫރިމަނާ ނުދެއްކިއްޖެނަމަ އެ މީހަކު ޖިނާއީ އަދަބެއްގެ ގޮތުގައި ބަންދުގައި ބެހެއްޓުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މަހިބަދޫގައި ރައްކާތެރި ބޯފެނުގެ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަބުރާބެހުނު މީހެއްގެ މަގާމާއި ފެންވަރަށް ބެލުމަށްފަހު ޖޫރިމަނާ ކުރާނެ އަދަދުތައް ބޮޑުކުރަން ވިސްނާނެ ކަމަށެވެ. އަބުރާ ބެހޭ މީހުންނާ ދެކޮޅަށް ހަރުކަށި އަދަބުދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހަފްތާގެ ތެރޭގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ މިދިއަ ހަފްތާގެ ތެރޭގައި ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް ޔާމީން މިއަދު ވިދާޅުވީ މިނިވަން ހިޔާލަށް ހުރަސް އެޅަން މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށާއި ނަމަވެސް "ޚަބަރު ފަތުރާ އިދާރާތަކުން" އެކަން ކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި އެކަން ތަކުރާރުކޮށް ކުރާކަމުގައިވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިޝާރާތެއް ރައީސް ކުރެއްވި އެވެ.
" އަޅުގަނޑުމެނެއް ނުހުންނާނެ މީހުންގެ އަބުރަށް އަރައިގެންފައެއް. އަޅުގަނޑުމެންނަކީ ޒާތީވާހަކަދައްކާ ބައެއް ނޫން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއަދު އެކަންކަމާ ދޭތެރޭ އަޅުގަނޑު ވިސްނާ ވާހަކަ ނުވަތަ ރައީސް ވިސްނާ ވާހަކަ އަދި ބިލެއްގެ ސިފައިގައި މަޖިލީހަށް ފޮނުވާނެ ވާހަކަ ދެއްކީމަ މިކަން ބޮޑުވެއްޖެ ވަރަށް ގިނަ ބަޔަކަށް"ރައީސް ޔާމީން
އަބުރާ ބެހުމުގެ ކުށަށް ގެންނަ ބަދަލަކީ މިނިވަން ހިޔާލު ފާޅުކުރުމަށް ހުރަސްއެޅާނެ ހިޔާލެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި "މިނިވަން ހިޔާލަށް ހުރަސް އަޅަން ނެތިން" ކަމަށާއި އެކަމަށް މަރުހަބާ ކިޔާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިނިވަން ހިޔާލުތައް އަންނަންވާނެ. މިނިވަން ހިޔާލަކީ ބިނާކުރަނިވި ހިޔާލަށް ހަދަން ޖެހޭނެ. މިނިވަން ހިޔާލުގައި މުހިންމެއް ނޫން އަވައްޓެރިޔާގެ ގޭގައި ހުރި ހަޑި ހުތުރު ވާހަކަދެއްކުމެއް. އެއީކީ މުޅި މުޖުތަމައުއަކަށް ފަސޭހަ ކަމެއް ނޫން. އެހެންވީމަ އަބުރާވެސް ބެހެންވީ. މައްސަލައެއް ނޫން.،" ރައީސް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް އަބުރާއި ބެހިގެން އެކުށް އެމީހެއްގެ މައްޗަށް ސާބިތުކޮށްދެވިއްޖެ ނަމަ މިހާރުގައި ގާނޫނީ ކުށަކަށްވެގެން އެކަމަށް އަދަބެއް ނެތީމައި ކޯޓުގެ ތެރެއިން އެއިންނަ އުސޫލެއްގެ ތެރެއިން 4500 ރުފިޔާ ނަގާދޭނަމަ ސަރުކާރުން ހުށަހަޅާ ބިލުގައި އެއަދަދު ގިނަވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދިވެސް އޮންނާނީ އަބުރާ ބެހުމުގެ ކުށަކީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އަބުރާ ބެހެނީ ކޮންފެންވަރެއްގެ މީހެއްތޯ އާއި އަދި އޭނާ ބެހެނީ މުޖުތަމައުގެ ކިހާވަރެއްގެ ބުރަދަނެއްގެ ހުރި މީހަކާތޯ ބެލުމަށް ފަހު ގާނޫނުގައި ބޮޑެތި ޖޫރިމަނާގެ އަދަދުތައް ހިމަނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ތާއީދާއެކު އެ ބިލު ފާސްކޮށްދިނުމަށް ރާއީސް ވަނީ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"ފައިސާހުރެގެން މީހުންގެ ހައްގުތަކަށް އަރައިގަންނަ މީހުން ހަމަ ސޮދަގާތްކުރާ ގޮތަށް އެޖޫރިމަނާ ފައިސާ ދައްކަންވީ. ޖޫރިމަނާ ފައިސާ ނުދައްކާ ކަމައްވަންޏާ އޭގެތެރެއިން އަންނާނެ ޖިނާއީ އިމްޕްލިމެންޓެއް. ޖޫރިމަނާ ނުދެއްކުނީމަ އެޖޫރިމަނާ ބަދަލުވެގެންދާނެ ކޮންމެސްކަހަލަ ބަންދުގެ މުއްދަތަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިނިވަން މީހުންގެ އިތުރުން ހަބަރުފަތުރާ ވަސީލަތްތަކުން ވެސް ތަކުރާރުކޮށް މީހުންގެ އަބުރާ ބެހޭ ކަމަށްވާނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން އެކަންކަމުން ރައްކާތެރިވެ ތިބުމަށް ރައީސް ޔާމީން ވަނީ ހަބަރު ފަތުރާ ވަސީލަތްތަކަށް އިލްތިމާސްކޮށްފަ އެވެ.
ކުރީގެ ގާނޫނުލްއުގޫބާތުގައި އޮތް ގޮތުން މީހެއްގެ އަބުރާ ބެހުމުގެ ކުށަށް ދެވޭނެ އަދަބަކީ، 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 3000 ރުފިޔާއަށްވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ނަމަވެސް އެ ގާނޫނު އެހެން އޮއްވައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، ޑރ. މުހައްމަދު ޖަމީލް އަހްމަދު ޖަސްޓިސް މިނިސްޓަރަކަށް ހުންނެވިއިރު ވަނީ، އަބުރާ ބެހުމަކީ މަދަނީ މައްސަލައެއްކަމަށް ބަދަލުކޮށް ގަވާއިދެއް ވަނީ އެކުލަވައިލާފަ އެވެ.
އެގޮތުން އޭރު އެކުލަވައިލާފައިވާ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގައި ވާގޮތުން:
މާއްދީ ގެއްލުމެއް ލިބިފައި ނުވާނަމަ ނަގައިދޭ ބަދަލު
- އަބުރާބެހުމުގެ ސަބަބުން ދަޢްވާކުރާ ފަރާތުގެ އަބުރަށް ލިބުނު މަޢުނަވީ ގެއްލުމުގެ އިތުރުން، އެ ފަރާތަށް މާއްދީ ގެއްލުމެއް ލިބިފައި ނުވާނަމަ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، - /100 (ސަތޭކަ) ރުފިޔާ އާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދެކެވެ.