23 Feb 2016, 18:30
ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ގްލޯނެޓް ލިމިޓެޑުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެޑިއުކޭޝަން ފެއާތަކުގެ ތެރެއިން 18 ވަނަ ފެއާ މިއަދު ހުޅުވައިފިއެވެ.
ނެޝަނަލް އާޓް ގެލެރީގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެއާ ހުޅުވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބުދުﷲ ނަޒީރެވެ.
ގްލޯނެޓް އެޑިއުކޭޝަން ފެއާ ގައި ޔުނިވާސިޓީތަކާއި ކޮލެޖްތައް ހިމެނޭ ގޮތުން ޖުމްލަ 18 ފަރާތަކުން ބައިވެރިވެއެވެ. އެގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ޔުނިވާސިޓީ އޮފް ނޮޓިން ހަމް ، މޮނާޝް ޔުނިވާސިޓީ، އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، ކޭޑީޔޫ ޔުނިވާސިޓީ ކޮލެޖް ، އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން، ސަންވޭ ޔުނިވާސިޓީ، މިލާއީ ޔުނިވާސިޓީ، ޓެއިލާޒް ޔުނިވާސިޓީ، ސެޖީ ޔުނިވާސިޓީ، އިންފްރާ ސްޓްރަކްޗާ ޔުނިވާސިޓީ އަދި ކޭބީޔޫ އިންޓަނޭޝަނަލް ކޮލެޖް ހިމެނެއެވެ. މިހުރިހާ ތަންތަނަކީ ވެސް ތައުލީމު ހާސިލުކުރުމަށް ދިވެހިން ގިނައިން ދަތުކުރާ ގައުމެއްކަމަށްވާ މެލޭޝިއާގައި ހިންގާ ތަންތަނެވެ.
ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގްލޯނެޓް ލިމިޓެޑްގެ މެނޭޖިން ޑައިރކްޓަރު މުޙައްމަދު ނަސީމު ވިދާޅުވީ ފެއާގައި ބައިވެރިވެފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ލީޑިން ޔުނިވާސިޓީތައް ކަމަށެވެ. އަދި އެގޮތުން ފެއާގައި ބައިވެރިކުރާނެ ޔުނިވާސިޓީތައް ހޮވާފައި ވާނީ އެތަންތަނުން ނެރެފައިވާ ނަތީޖާތަކަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢަބުދުﷲ ނަޒީރު ވިދާޅުވީ ފުރުސަތު ނުލިބިދާނެ ކަމަށް އެއްވެސް ކުއްޖަކު ނުކިޔަވާ ނުހުންނަން އެދިވަޑައިގަންނަވާ ކަމަށާއި ފުރުސަތު އެބަ އޮތް ކަމަށެވެ.
"... އަޅުގަނޑުގެ އެންމެ ބޮޑު އިލްތިމާސަކީ ފުރުސަތެއް ނުލިބިދާނެކަމަށް ނުކިޔަވާ ނުހުންނާށޭ. ނުވަތަ ބޭނުންވާ ތަމްރީނެއް ނުލިބި ނުހުންނާށޭ. ފުރުސަތު އެބަ އޮތް. އަނެއްކާ ފުރުސަތަކީ އަޅުގަނޑުމެންނަށް މާކަ ގިނަ ފަހަރެއްގައި އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނާނެ އެއްޗެއް ނޫން،" އޭނާ ވިދާޅުވިއެވެ.