ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާ މާފުށީ ޖަލުގެ ފޮޓޯތަކެއް އާންމު ވެއްޖެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ރައީސް ނަޝީދު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅާއި ފަރިއްކުޅުވުމަށް ހާއްސަކޮށްފައިވާ މޭޒަކާއި އުދޯލިދާންކޮޅެކެވެ.

އެކަމާ ގުޅިގެން ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކި އެއްޗެއް ވިދާޅުވުމަށް ބޭނުން ނުވާ ވާހަކަ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އެ ފޮޓޯތަކަކީ ރައީސް ނަޝީދު ހުންނަވާ ގެކޮޅުގެ ފޮޓޯތަކެކެވެ.

ފޮޓޯތަކުން ފެންނަ ރައީސް ނަޝީދު އަވަހާރަފުޅުލައްޕަވާ ކޮޓަރިއަކީ ފެހި ކުލަލާފައިވާ އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. ފެހިކުލަލާފައިވާ އެ ކޮޓަރީގައި ޒަމާނީ 'އަރާމް" އެނދެން ވަނީ ބަހައްޓައިފަ އެވެ. ހަމައެހެންމެ އޭސީ އާއި ކަބަޑުތަކެއް ވެސް އެކޮޓަރީގައި ބަހައްޓާފައިހުރެ އެވެ.

ދެން ފެންނަ ފޮޓޯ އިން ފެންނަނީ މޭޒަކާއި ހަތަރު ގޮނޑި ބަހައްޓާފައި ހުރި ސިޓިން ރޫމެކެވެ. އެތަނަކީ ވެސް ވަރަށް ފެންވަރުގައި ހަދާފައި ހުރި ތަނެކެވެ.

ރައީސް ނަޝީދުގެ ސިޓިން ރޫމް-- ފޮޓޯ: ޓުވިޓާ

ތިން ވަނަ ފޮޓޯއިން ފެންނަނީ އަރާމު އޮނދޯއްޔެކެވެ. އެ އުނދޯލި ބަހައްޓާފައި ހުރި ހިސާބަށް ވަނީ ދޮންވެލިލައިފަ އެވެ. އަދި ހަމަ އެސަރަހައްދުގައި ގަސް އިންދާފައި ވެސް ހުރެ އެވެ.

މާފުށީ ޖަލުގައި ރައީސް ނަޝީދަށް ހާއްސަ އުނދޯލިކޮޅު--

ރާއްޖެއަށް ވަޑައިގެންނެވި ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕްގެ ޗެއާމަން އަދި އިނގިރޭސި ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރު ޑޭވިޑް އޭމަސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނަވާ ތަނަކީ ވަރަށް ފެންވަރު ރަނގަޅު (ލަގްޒަރީ) ތަނެކެވެ.

"އަޅުގަނޑުމެން ދިޔައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުރި ގޮޅިއަށް. އަޅުގަނޑުގެ ނަޒަރުން ޔޫކޭގައި އަޅުގަނޑު ޒިޔާރަތްކޮށްފައި ހުރި ހުރިހާ ޖަލަކާ އަޅައިބަލާ އިރު ނަޝީދު ހުންނެވީ ވަރަށް އަރާމު ތަނެއްގައި. އެތާނގައި އުނދޯންޔަކާއި، ޓީވީއަކާއި ފުދޭވަރަކަށް ފަސޭހަ އެނދެއް ހުރި. ނަޝީދު ހައްޔަރުކޮށްފައި ހުރި އިރު އޭނައާ މެދު އަމަލު ކޮށްފައި ވަނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ރައީސް ނަޝީދު ހުންނަވާ ތަނަކީ ރައީސް ނަޝީދަށް ހާއްސަކޮށްގެން ވަރަށް ފަހުން ތައްޔާރު ކުރި ތަނެކެވެ.

ނަޝީދު މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވެ.