ދުނިޔޭގެ އެކި ގައުމުތަކުގެ މޮބައިލް އޮޕަރޭޓަރުން ހިމެނޭ ގުރޫޕް ސްޕެޝަލް މޯބައިލް އެސޯސިއޭޝަން (ޖީއެސްއެމްއޭ) އިން މޮބައިލް ފޯނާއި މޮބައިލް ފޯން އިންޓަނެޓް ބޭނުންކުރާ އަންހެނުންނާއި މިންވަރު އިތުރުކުރާ ޕްރޮޖެކްޓެއްކަމަށްވާ "ކަނެކްޓެޑް ވިމެން ކޮމިޓްމެންޓް އިނިޝިއޭޓިވް"ގައި އޫރިދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ އިތުރުން އެޕްރޮޖެކްޓުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ އާއި، މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި މިޔަންމާ އާއި ބަންގްލަދޭޝް އާއި ރުވަންޑާއާއި ތުރުކީ ހިމެނެ އެވެ.

ކަނެކްޓެޑް ވިމެން ކޮމިޓްމެންޓްސްގެ މެމްބަރު ކުންފުނިތަކުން ކުރާ މަސައްކަތުގައި އަންހެން އޭޖެންޓުންގެ މިންވަރު އިތުރު ކުރުމާއި ޑޭޓާ ޓޮޕް-އަޕް ޕޮރޮސެސް ރަނގަޅު ކުރުމާއި އަންހެނުންނަށް ބޮޑަށް ކަމުދާ ގޮތަށް ހެދުމާއި ތައުލީމީ ޕޮރޮގްރާމުތަކާއި އަންހެނުންނާ ގުޅޭ ކޮންޓެންޓް މެދުވެރިކޮށް ޑިޖިޓަލް ޑިވައިސްތަކާ ބެހޭ ގޮތުން ގިނަ އަންހެނުންނަށް އުނގަންނައިދެ އެވެ.

"މީހުންގެ ދިރިއުޅުން ރަނގަޅު ކުރުމަށާއި ފުރުސަތުތައް އިތުރުކުރުމަށް މޮބައިލް ޓެކްނޮލޮޖީ އެހީތެރިވެދޭ. ނަމަވެސް، މޮބައިލް ފޯނާއި މޮބައިލް އިންޓަނެޓް ލިބުމާއި ބޭނުން ކުރަން އުނދަގޫވުމުގެ ސަބަބުން ދުނިޔޭގެ އަންހެނުންގެ އާބާދީގެ ބޮޑު ޕަސެންޓެއް ވަނީ އެފުރުސަތުތަކުން މަހުރޫމުވެފައި. އިންޑޮނޭޝިއާއާއި މިޔަންމާއާއި ރާއްޖޭގެ އަންހެނުންގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ ޔަގީން ކުރުމަށްޓަކައި އެއަންހެނުންނަށް މޮބައިލް ޓެކްނޮލޮޖީގެ ފުރުސަތުތައް އިތުރުކުރަން ޖީއެސްއެމްއޭގެ ކަނެކްޓެޑް ވިމެން ކޮމިޓްމެންޓްގައި އަޅުގަނޑުމެން ބައިވެރިވަނީ އުފަލާއެކު،" އޫރިދޫގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސާ ޝެއިހް ސައުދް ބިން ނަސީރު އަލް ތާނީ ވިދާޅުވި އެވެ.