އެވޮކާޑޯ އެކޭ އެއްފަދައިން، އެ މޭވާގެ އޮށަކީ ވެސް ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. އެގޮތުން އެ މޭވާ އިން ލިބޭ ފައިދާތަކުގެ 70 ޕަސެންޓު އޭގެ އޮށުން ވެސް ލިބޭ ކަމަށް ސިއްހީ ތަޖުރިބާ ކާރުން ބުނެ އެވެ. އެހެންކަމުން އެވޮކާޑޯ އޮށުގެ ސިއްހީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވޭ!

އެވޮކާޑޯގެ އޮށުގައި ވަރަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވިގެންވެ އެވެ. އެގޮތުން އޭގެ އޮށް ކެއުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރުގެ ލެވެލް ވެސް ހިފަހައްޓައިދެ އެވެ. ހަމައެއާ އެކު، ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ.

ހިތަށް ވެސް ވަރަށް ރަނގަޅު ކާނާއެއް!

އެވޮކާޑޯގެ އޮށަކީ "އެންޓި އިންފްލެމޭޓަރީ" ކާނާ އެކެވެ. އެއީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ ކާނާއެކެވެ. ހަމައެއާ އެކު، އޭގެ އޮށް ކެއުމުން ހިތް ހުއްޓުމާއި އެހެނިހެން ހިތުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

އެންޓި އިންފްލެމޭޓަރީ ކާނާއެއް!

އެވޮކާޑޯގެ އޮށަކީ "އާތުރައިޓިސް" ބަލި ޖެހިފައި ތިބޭ މީހުންނަށް ވެސް އޮތް ފަރުވާއެކެވެ. އެގޮތުން އެ ބަލި ޖެހުމުން ދިމާވާ ހުޅުހުޅުގައި ރިއްސުމުގެ މައްސަލައަށް ވެސް އެވޮކާޑޯގެ އޮށުން ފަރުވާ ހޯދޭނެ އެވެ.

ހަމައެއާ އެކު އޮވޮކާޑޯގެ އޮށް ކާ ނަމަ، ސްޓްރޯކު ޖެހުމާއި، ހަށިގަނޑުގައި ފާރު އުފެދުން އަދި ކެންސަރު ބަލި ޖެހުމުންވެސް ދުރުކޮށްދޭނެ އެވެ.

އެވޮކާޑޯ އޮށް ބޭނުންކޮށްގެން ސްމޫތީއެއް ތައްޔާރު ކުރާނެ ގޮތް!

ބޭނުންވާ ތަކެތި: އެވޮކާޑޯ އޮށެއްގެ ދެބައިކުޅަ އެއްބައި، ހަތަރު އާފަލު، ދޮންކެޔޮ ވަކެއް، ދެ ލުނބޯ (ތޮށި މަށާފައި)، އެއްޖޯޑު ސްޕިނެޗު، ޕާސްލީ ބޮނޑިއެއް، އިގުރުކޮޅެއްގެ ހަތަރު ބައިކުޅަ އެއްބައި، އެއް ސެލެރީ ސްޓޯލްކު

ތައްޔާރު ކުރާނެ ގޮތް: އެވޮކާޑޯގެ އޮށް ގުރައިންޑަރުގައި ވަރަށް ރަނގަޅަށް ހިމުންކޮށްލާށެވެ. އެއަށް ފަހު ދެބަޔަކަށް ބަހާލާށެވެ. ދެން ބާކީ ހުރި އެއްޗެހިތައް ގުރައިންޑަރަށް އެޅުމަށް ފަހު ރަނގަޅަށް ހިމުން ކޮށްލާށެވެ. އެއަށް ފަހު ދެބައިކުރި އެވޮކާޑޯގެ އޮށުގެ ޕައުޑަރުގެ ތެރެއިން އެއްބައި އެ އެއްޗިއްސަށް އެއްކޮށްލާށެވެ.

ތިޔަ ތައްޔާރު ކުރެވުނީ، އެންޓިއޮކްސިޑެންޓުން ފުރިގެންވާ ފައިދާ ހުރި ސްމޫތީއެކެވެ.