ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބުރާންޗެއް ކ. މާފުށީގައި މިއަދު ހުޅުވައިފި އެވެ.

ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ވިޔަފާރި ބޭންކުން މާފުށީގައި ހުޅުވި އަދި އެ ބޭންކުގެ 28 ވަނަ ބުރާންޗު ހުޅުވައި ދެއްވީ އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެ ބުރާންޗުން ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ހިދުމަތް 24 ގަޑި އިރު ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރު އަތޮޅު ތެރޭގައި އެ ބޭކުން ހުޅުވަން ނިންމާފައިވާ ހަތް ބްރާންޗުގެ ތެރެއިން މިއަދު ހުޅުވި، މިއީ ފުރަތަމަ ބުރާންޗު ކަމަށެވެ.

މުޅި ރާއްޖޭގައި ބޭންކިންގް ޚިދުމަތް ފުޅާކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިވަގުތު އަންނަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓް ޕްރޮގްރާމެއް ހިންގަމުންނެވެ.

"އަށާވީސް ބްރާންޗު، 76އޭޓީއެމް، 3100 ޕީއީއޯއެސްމާ ޗަންޓުން، 177 ކޭޝް އޭޖެންޓުން، 10 ސެލްފްސާވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިންގް ޔުނިޓް އެކުލެވޭ ބޭންކިންގް ވިއުގަޔަކާ އެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާ އެކު މުޅިރާއްޖެ އަށް ބޭންކިންގް ޚިދުމަތްފޯރުކޮށްދޭ ދިވެހި ރާއްޖޭގެ އެންމެބޮޑުބޭންކެވެ." ބޭންކުން ބުންޏެވެ.