އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގައި 25 ބުރީގެ އިމާރާތަކާއި އެއަށް ވުރެ ކުޑަ ދެ އިމާރާތް އިމާރާތެއް އެޅުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމައިފި އެވެ.

އައިޖީއެމްއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު މިއަދު ސަން އަށް ވިދާޅުވީ 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ)ގެ އަގަކަށް އެ މަސައްކަތް ހަވާލުކުރަން ނިންމާފައި ވަނީ ސިންގަޕޫރުގެ ޗުންހުއާ ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ.

އަލަށް ހަދާ ހޮސްޕިޓަލުގައި 500 އެނދު ހުންނާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.

އެ މަސައްކަތް ހަވާލުކުރަން ނިންމީ ރައީސް އޮފީހުގެ އިކޮމިކް ކައުންސިލަށް ހުށަހެޅި ތިން ޕްރޮޕޯސަލެއް ބެލުމަށް ފަހު ކަމަށް ފަރުހަތު ވިދާޅުވި އެވެ.

އެ ބިޔަ މަޝްރޫއާ ބެހޭ މައުލޫމާތު ސަރުކާރުން ކުރިން މީޑިއާއަށް އާއްމުކޮށް ހާމަކޮށްފައެއް ވެސް ނުވެ އެވެ. ނަމަވެސް އައިޖީއެމްއެޗު ހުރި ބިމުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އިމާރާތް ކުރުމުގެ އަގު ޗުންހުއާ ކުންފުންޏަށް ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެން ކަމަށް ފަރުހަތު ވިދާޅުވި އެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފަރުހަތު ވިދާޅުވީ އެއިމާރާތަކީ ކޮންކްރީޓުން ހަދާ އިމާރާތެއް ކަމަށާއި އެފަދަ އުސް އިމާރާތެއް އެޅުމަށް ބިމުގެ ފެންވަރު ވެސް ޓެސްޓްކޮށްފައިވާ ކަމަށެވެ.

މަޝްރޫއުގައި ހިމެނެނީ 25 ބުރީގެ އިމާރާތުގެ އިތުރުން 10 ބުރީގެ އިމާރާތެއް ވެސް ހިމެނެ އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތް ހަދަނީ އެ ހޮސްޕިޓަލުގެ މާސްޓަޕްލޭނާ އެއްގޮތަށް، ވަރަށް ގިނަ ހިދުމަތްތަކެއް ދެވޭނެ ގޮތަކަށް ކަމަށެވެ.

އެ ބިލްޑިންއަކީ ހަމައެކަނި ޑައިގްނޯސްޓިކް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ނޫން ކަމަށާއި ނަމަވެސް ހަ ފްލޯވަރު ހާއްސަ ކުރެވޭނީ ޑައިގްނޯސްޓިކް ފެސިލިޓީއެއްގެ ގޮތުގައި ކަމަށް ފަރުހަތު ވިދާޅުވި އެވެ.