23 Feb 2016, 14:17
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ ލިޔުންތައް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދުނު ގޮތަށް ހުށަހެޅުމުގެ މަސައްކަތް އަނެއްކާވެސް ކުރައްވަމުން ގެންދަވާކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މިއަދު "ސަން" އާ ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، ކަރެކްޝަންސް އިން އެދޭ ގޮތަށް ލިޔުން ހުށަހެޅުމަށް ޑޮކްޓަރަށް މިހާރު ދަންނަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެދިގެން މިއުޅެނީ ޑޮކްޓަރު އަރިހުގައި، ކަރެކްޝަނުން އެބަ ވިދާޅުވޭ މިހެން މިހެން...އެހެންވީމަ އެ މައުލޫމާތު ހިމެނޭ ލިޔުން އެ ބޭފުޅުން ފޮނުއްވާދެއްވާނެ. ދެން އެކަން އެބަ ހިނގާ..."، ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވަކި ލިޔުންތަކެއް ހުށަހަޅަން ޖެހޭ ކަމަކީ ލާޒިމު ކަމެއް ކަމަށްވެސް ކަރެކްޝަންސްގެ ގަވާއިދުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މައުލޫމާތު ހުށަހަޅަން ޖެހޭ ވަކި ފޯމެޓެއްވެސް ކަނޑައަޅާފައި ނެތް ކަމަށެވެ.
"އެ މައުލޫމާތު ދޭން ވާނެ ކަމަށް އެބަ އޮތް. އެހެންވީމަ އެ މައުލޫމާތު އެ ހުރީ އެއް ސިޓީ އަކުން އެއް ލިޔުމަކުން އެހެރީ ހުށަހަޅާފައި...މިހާރު މި ގަވާއިދުގަ ވަކި ފޯމެޓެއް ނެތް. މީގަ މި އޮންނަނީ އެ މައުލޫމާތު އޮންނަ ލިއުމެއް ހުށަހަޅަން ޖެހޭ ކަމަށް..."، ހަސަން ވިދާޅުވިއެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ބޭސްފަރުވާގެ ކަންތައް ނިމޭނެ މުއްދަތު އަންގައި ދޭ ލިޔުމާއި ބޭސްފަރުވާގެ ކަންތައް ނިމޭނެ ކަމަށް ޑޮކްޓަރު ބުނާ ބުނުމުގެ ލިޔުމާއި ބޭސްފަރުވާ ކުރިގޮތުގެ ތަފްސީލު ކަރެކްޝަންސް އަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމުގެ ސައްޚަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މެޑިކަލް ބޯޑުގެ މެމްބަރުންނަށް ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން އެ ލިޔުން ފޮނުވާފައި ވަނީ ހޮސްޕިޓަލްގެ ރަސްމީ މެއިލް އެޑްރެހުން ކަން އެނގެން ނެތްއިރު، އެ ލިޔުމުގައި ހޮސްޕިޓަލްގެ ތައްގަނޑެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ލިޔުމުގައިވާ ސޮޔަކީ ޑޮކްޓަރުގެ ސޮއިކަމާ މެދު ޝައްކު އުފެދޭ ކަމަށް ވެސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލް ވިދާޅުވިއެވެ.