23 Feb 2016, 14:05
ބެއިޖިން (ފެބްރުއަރީ 23):ސައުތް ޗައިނާ ކަނޑުގައި ޗައިނާއިން މިސައިލް ބެހެއްޓުމާއި އެމެރިކާއިން ހަވާއީ ދިފާއު ކުރުމާ އެއްގޮތް ކަމަށް ޗައިނާއިން އިއްޔެ ބުނެފި އެވެ.
ސައުތް ޗައިނާ ކަނޑުގައި އެއްގަމުން ހަމަލާދޭ މިސައިލްތައް ބެހެއްޓިކަމަށް ބައެއް ގައުމުތަކުން ރިޕޯޓު ކުރުމުން އެމެރިކާއިން ވަނީ ޗައިނާއިން ގަސްތުގައި މައްސަލަ ހޫނު ކުރަނީ ކަމަށް ބުނެފަ އެވެ. ޗައިނާއިން އެ ރިޕޯޓުތަށް ތެދު ކަމަށް ނުވަތަ ދޮގު ކަމަށްވެސް ބުނެފައި ނުވެ އެވެ.
އެމައްސަލަ ހޫނުވެފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު، ވަންގް ޔީ މިހަފްތާތެރޭގައި އެމެރިކާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖައްސާފައި ވަނިކޮށެވެ.
އެ ދަތުރުފުޅާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ހުއާ ޗުންޔިންގް ވިދާޅުވީ، އެމެރިކާއިން "މައްސަލަ މާބޮޑު ކުރަން ޗައިނާއިން މިސައިލް ބެހެއްޓުން ބަހަނާ"އެއްގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށެވެ.
"ޗައިނާއަށް ކޮންމެހެން ބޭނުން، އަދި [ގައުމުގައި] މަދުން ހުރި ދިފާއީ ވަސީލަތްތަކެއް އަމިއްލަ ސަރަހައްދުގައި ބެހެއްޓުމަކީ އެމެރިކާއިން ހަވާއީ ދިފާއު ކުރުން ފަދަ ކަމެއް. ސައުތް ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާއެއް ނުހިމެނޭ އަދި މިއީ ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް މައްސަލަކަށް ވެގެން ނުވާނެ،" ހުއާ ވިދާޅުވި އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު އެމެރިކާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޖޯން ކެރީއާ ބައްދަލުކުރައްވާނެ އެވެ. (ރޮއިޓާސް)