23 Feb 2016, 13:12
އުތުރު ތަނޑި ނުވަތަ އާކްޓިކް ސަރަހައްދުގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މަތިވެ، ރެކޯޑް މިންވަރަކަށް ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ސައިންސް ޖާނަލްއެއް ކަމަށްވާ ޕްރޮސީޑިންގްސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސް (ޕީއެންއޭއެސް) އިން ޝާއިއުކުރި ދިރާސާއެއްގައި ބުނެފައި ވަނީ ޖެނުއަރީ މަހު ކަނޑުގެ ލޮނުގަނޑު އުފުލެމުން ގޮސްފައި ވަނީ ފާއިތުވި 3000 އަހަރު ދުވަހު ވެސް ނޫފުލޭ މިންވަރަކަށް ކަމަށެވެ.
"[ކަނޑުގެ ލޮނުގަނޑު] ވިހި ވަނަ ގަރުނުގައި އުފުލުނު އުފުލުމަކީ އޭގެ ކުރީގެ ތިން ސާސްކަފާ އަޅާ ބަލާ އިރު އާދަޔާ ހިލާފު އުފުލުމެއް،" އާކްޓިކްގެ ފިނިހޫނުމިނާއި ލޮނުގަނޑު އުފުލުނު މިންވަރާ ބެހޭ ގޮތުން ކުރި ދިރާސާގައި އިސްކޮށް އުޅުއްވި، ރުޓްގާސް ޔުނިވާސިޓީގެ ސައިންޓިސްޓް ރޮބަޓް ކޮޕް ވިދާޅުވި އެވެ.
ބެލެވިފައިވާ ގޮތުގައި 1980 ވަނަ އަހަރުން ފޭށިގެން މިހައިތަނަށް ދުނިޔޭގެ ފިނިހޫނުމިން ވަނީ ބައި ޑިގްރީ ސެލްސިއަސްއަށް މަތިވެފަ އެވެ. އެކަން އެހެންވީ އިންސާނުން ޖައްވަށް ބޭރުކުރި މާއްދާތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ދެކެ އެވެ.

ކަނޑުގެ ލޮނުގަނޑު ބޮޑުވަނީ: ވިހި ވަނަ ގަރުނަށް ވުރެ އަދި ކުރީގރ ގަރުނުތަކަށް ވުރެ ބޮޑަށް ކަނޑުގެ ލޮނުގަނޑު އަންނަނީ އުފުލެމުން --
ދިރާސާގެ އެއް މުސައްނިފުކަމުގައިވާ، ޖަރުމަނުވެ ޕޯސްޓް ޑޭމް އިންސްޓްޓިއުޓް ފޯ ކްލައިމެޓް އިމްޕެކްޓްގެ އޯޝަން ފިޒިކްސްގެ ޕްރޮފެސަރު ސްޓެފަން ރަމްސްޓޯފް ވިދާޅުވަނީ ކަނޑުގެ ލޮނުގަނޑު އަދިވެސް ދާނީ އުފުލެމުން ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި އަހަރެމެންނަށް ޔަގީންކަމާ އެކު ބުނެވިދާނެ އިތުރަށް ހޫނުވަމުންދާ ނަމަ ލޮނުގަނޑު އުފުލޭ މިންވަރު މިއަށް ވުރެ އަވަސް ވާނެ ކަމަށް،" ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.
ދިރާސާ ކުރެއްވި ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިހާރު އުފުލޭ މިންވަރަށް އުފުލޭ ނަމަ 2100 ވަނަ އަހަރާ ހަމައަށް ކަނޑުގެ ލޮނުގަނޑު މިހާރު އޮތް ވަރަށް ވުރެ އެއް މީޓަރު މައްޗަށް އުފުލޭނެ އެވެ. ( ވޮއިސް އޮފް އެމެރިކާ)