23 Feb 2016, 13:19
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗްތަކަށްފަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗްތަކުގައި ސަޕޯޓަރުންގެ ފޯރި އެންމެ ބޮޑީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެ ދަނޑުގައި ކުޅޭ މެޗްތަކުގައެވެ. ނިއުގެ ސަޕޯޓަރުންނަކީ އެޓީމުގެ ފަހަތުގައި އަބަދުވެސް ތިބޭ ބައެކެވެ. އަދި އެޓީމުގެ ސަޕޯޓަރުންނަކީ އެމީހުން އަމިއްލަ ޚަރަދުގައި ބިދޭސީ ކުޅުންތެރިން ގެނެސް ސަޕޯޓަރުންގެ އަމިއްލަ ޖީބުން މުސާރަ ދޭ ކުލަބެކެވެ.
ނިއުއިން 2005 ވަނަ އަހަރު އޭއެފްސީ ކަޕް ސެމީ ފައިނަލަށް ދަތުރު ކުރިއިރު އެއަހަރު އެޓީމަށް އެމުބާރާތުގެ އެހާ ދުރަށް ދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މާލޭގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗްތަކުންނެވެ.

ނިއުރޭޑިއަންޓުގެ ސަޕޯޓަރުންތަކެއް ގައުމީ ފުޓްބޯޅަ ދަނޑުގައި އުފާ ކުރަނީ --- ސަން ފައިލް ފޮޓޯ/ އަޙްމަދު މުޖްތަބާ
މިއަދު ނިއުރޭޑިއަންޓް މިއަހަރުގެ އޭއެފްސީ ކަޕްގެ ފުރަތަމަ މެޗަށް ނިކުންނައިރު 2005 އަހަރާއި އެއްގޮތް ކަމެއް އެޓީމުގައި އެބަހުއްޓެވެ.
އެއީ 2005 އަހަރު އެޓީމު އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗް ބަލްގޭރިއާގެ ޔުރޮދާން އިވަނޯވް ސްޓައިކޯވް ނިއުގެ ބެންޗުގައި އެޓީމަށް އިރުޝާދު ދޭން ހުރުމެވެ. އެހެންވެ ނިއުގެ ސަޕޯޓަރުންގެ އެންމެ ފޯރިގަދަ ދުވަސްތައް ސްޓައިކޯވްއަށް ހުންނާނީ ފެނިފައެވެ. އަދި އެ ސަޕޯޓަރުންނަކީ ކްލަބަށް ކިހާ ވަފާތެރި ބައެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީވެސް ސްޓައިކޯވްއެވެ.
މިއަދުގެ މެޗަށް ނިކުންނައިރު އޭނާ ގަބޫލު ކުރަނީ ނިއުގެ ސަޕޯޓަރުން ޓީމުގެ ފަހަތުގައި އަބަދުވެސް ތިބޭނެ ކަމަށެވެ.
އިއްޔެ ބޭއްވި ޕްރީ މެޗް ޕްރެސްކޮންފަރެންސްގައި އޭނާ ބުނީ ނިއުގެ ސަޕޯޓަރުން އަބަދުވެސް ޓީމުގެ ފަހަތުގައި ތިބޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.
ސްޓައިކޯވްއަށް ސަޕޯޓަރުންނާ މެދު އެޔަގީން ކަން އޮތީ އޭނާގެ ކޯޗް ކަމުގައި ނިއުގެ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބުނު ހިތްވަރުގެ ސަބަބުންނެވެ.
ނިއުގެ ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑުގައި އެޓީމަށް ސަޕޯޓް ދެނީ --- ސަން ފައިލް ފޮޓޯ/ އަޙްމަދު މުޖްތަބާ
ނިއުގެ މެނޭޖަރު އަމީން ފައިސަލް ބުނީ، މިއަދުގެ މެޗްގައި ނިއުރޭޑިއަންޓުން ކްލަބުގެ ޖޯޒީގައި ކުޅުނަސް ދަނޑަށް ނިކުންނަނީ ގައުމު ތަމްސީލު ކުރުމަށް ކަމަށެވެ.
އެހެންވެ ފުޓްބޯޅައަށް ލޯބި ކުރާ ހުރިހާ ފަރާތްތަކުން މިއަދު ދަނޑަށް އައިސް ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް އަމީން އެދެއެވެ.
"މިއީ ހަމައެކަނި ނިއުރޭޑިއަންޓެއް ނޫން. ނިއުގެ ޖޯޒީގައި ކުޅުނަސް މިތަމްސީލު ކުރަނީ ދިވެހި ގައުމު. އެހެންވެ އަޅުގަނޑުމެން އެދެނީ ދިވެހި ސަޕޯޓަރުން މިއަދު ދަނޑަށް އައިސް ނިއުގެ ޓީމަށް ސަޕޯޓް ކުރުމަށް،" އަމީން ބުންޏެވެ.
ނިއުގެ ވައިސް ކެޕްޓަން ރިލްވާން ވަހީދު (ކަކާ ރިލޭ) ބުނީ، ނިއުގެ ސަޕޯޓަރުން "12 ވަނަ ކުޅުންތެރިޔާ"ގެ ދައުރު އަދާ ކުރުމަށް ދަނޑަށް އައިސް ޓީމަށް ސަޕޯޓް ކުރުން އެދޭ ކަމަށެވެ.
"ސަޕޯޓަރުންގެ ހިތްވަރާއެކު މިއަދުގެ މެޗްގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕާފޯމަންސެއް ދައްކައި. ސަޕޯޓަރުން ހިތް ހަމަޖެހޭ ފަދަ ނަތިޖާއެއް ﷲ އިރާދަ ކުރެއްވިއްޔާ ގެންނާނަން،" ކަކާ ރިލޭ ނިއުގެ ސަޕޯޓަރުންނަށް ޔަގީންކަން ދެމުން ބުންޏެވެ.
ސިންގަޕޫރުގެ ބެލެސްޓިއާއާ ދެކޮޅަށް މިއަދު ނިއުރޭޑިއަންޓް ކުޅޭ މެޗު ފަށާނީ ހަވީރު 3:50ގައެވެ. އެހެންކަމުން ދިވެހި ސަޕޯޓަރުން މިއަދުގެ އެ މެޗަށް، ގައުމީ ދަނޑުގެ ސަޕޯޓަރުން ތިބޭ ސަރަހައްދު ނިއުގެ ނޫކުލައާއި ހުދުކުލައިން ޒީނަތްތެރިކޮށް، ސަޕޯޓަރުން ވަދެ ފުރާލުމަކީ ދިވެހި ފުޓްބޯޅައަށް ކޮށްދެވޭނެ އަގު ނުކުރެވޭނެ ހިދުމަތެއްކަން ޔަގީނެވެ.