23 Feb 2016, 12:18
އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ޝްރޫސްބެރީގެ މައްޗަށް 0-3ގެ ނަތީޖާއަކުން ކުރި ހޯދައިގެން މެންޗަސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޝްރޫސްބެރީގެ ދަނޑުގައި ކުޅުނު އެ މެޗުގައި ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު 37 ވަނަ މިނެޓްގައި ޑިފެންޑަރު ކްރިސް ސްމޯލިންގެ ގޯލު އިން އެ ޓީމް ވަނީ ލީޑް ނަގައިފަ އެވެ. އަދި ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން ހުއާން މާޓާ ވަނީ ލީޑް އިތުރަށް ފުޅާ ކޮށްފަ އެވެ.
އެ މެޗުގައި ޔުނައިޓެޑްގެ ފަހު ގޯލު 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެސޭ ލިންގާޑް އެވެ.
އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ތާވަލުގެ 21 ވަނައިގައި އޮތް ޝްރޫސްބެރީ އަތުން ލިބުނު އެ މޮޅާ އެކު ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް އަށް ވަނީ ކޮންމެ ވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވެން ހާލް ބުނީ އެ މެޗުން އޭނާ ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއް ވެސް ހާސިލްވި ކަމަށާއި 70 ވަނަ މިނެޓާ ހަމައަށް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޔުނައިޓެޑުން ކަމަށެވެ.
"އެ މެޗުގައި ޔުނައިޓެޑަށް އިތުރު ގޯލުތަކެއް ވެސް ކާމިޔާބު ކުރުން ޗާންސް ލިބުނު، ނަމަވެސް މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ކީން އަށް އެންޖެރީ ވުމުން އޭޓޭކް ތަންކޮޅެއް ދަށް ވެގެން ދިޔައީ،" ވެން ހާލް ބުންޏެވެ.
އެ މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާއަށް ޔުނައިޓެޑް ދަތުރުކޮށްފައިވާ އިރު ކުއާޓާގައި އެ ޓީމު ބައްދަލުކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ.