ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތަކަށް އެމްޑީޕީ އިން އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް، މަޝްވަރާތަކުގައި ދެ ފަރާތުން ވެސް އިހުލާސްތެރިކަން ބޭނުންވާ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީއަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށް ވުމުން، ސަރުކާރުން އެ ޕާޓީގެ އަޑު އަހަން ޖެހޭ ކަމަށެވެ.

"މައިނޯރިޓީގެ އަޑު ނާހާ ނަމަ، މަޝްވަރާކޮށްގެން ކަންތައްތަކެއް ނުނިންމޭނެ. ޑިމޮކްރަސީއެއްގައި މެޖޯރިޓީ އާއި މައިނޯރިޓީގެ އަޑު އަހަން އެބަ ޖެހޭ. އެންމެންގެ ބައިވެރިވުމާއެކީގައި ކުރިއަށް ގެންދެވޭނީ،" އިބޫ ވިދާޅުވި އެވެ.

އަދި ހަރުކަށިކަމުން މައްސަލަ ހައްލު ނުކުރެވޭނެ ކަމަށާއި އެކަމުން ގައުމަށް ލިބޭނީ ގެއްލުންކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އެމްޑީޕީ އިން އޮތީ މަޝްވަރާގެ މޭޒަށް ދިއުމަށް ތައްޔާރަށް ކަމަށެވެ.

އިބޫ ވިދާޅުވީ އެމްޑީޕީއަކީ އަބަދު ވެސް މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ތާއީދު ކުރާ ޕާޓީއެއް ކަމަށާއި މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް [މަޝްވަރާއަށް] މަރުހަބާ ކިޔަން. އަޅުގަނޑުމެން މިތިބީ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް މަޝްވަރާގެ މޭޒަށް ދާން ތައްޔާރަށް. އެކަމަކު އިހުލާސްތެރިކަން ހުރިހާ ފަރާތަކުން ފެންނަން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ އިން މީގެ ކުރިން ބުނެފައި ވަނީ ސަރުކާރާ އެކު ވާހަކަ ދެއްކުމަށް އިތުބާރު އޮތް މާހައުލެއް މިހާތަނަށް ގާއިމްކުރެވިފައި ނެތް ކަމަށެވެ. އަދި އިތުބާރު އޮތް މާހައުލެއް ސަރުކާރުން ގާއިމްކުރަން ޖެހޭ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އަދާލަތު ޕާޓީން ބުނީ ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ކުރަން ހުށަހެޅި ކަމުގައިވީ ނަމަވެސް އެކަމުގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ.