މިއަހަރުގެ އަމާޒަކީ ވޭތުވެދިޔަ ހަތަރު އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހޯދި މަގާމު ދިފާއުކޮށް އަންނަ އަހަރުވެސް އޭއެފްސީ ކަޕްގެ ޖާގައެއް ހޯދުން ކަމަށް ނިއުގެ އާ ވައިސް ކެޕްޓަން ރިލްވާން ވަޙީދު (ކަކާ ރިލޭ) ބުނެފިއެވެ.

ނިއުގެ ވައިސް ކެޕްޓަން މަގާމާ ހަވާލުވެ 'ސަން' އާ ވާހަކަ ދައްކަމުން ކަކާ ރިލޭ ބުނީ މިދިޔަ އަހަރަށް ވުރެ ނިއުގެ ސްކޮޑް ކުޑަ ނަމަވެސް ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ކަމަށްވާ ހަމްޒަތު މުޙައްމަދު (ހަމްޕް) އާއި މުޙައްމަދު އިޝާން (ސަން) މެން ފަދަ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ.

"ނިއުގެ ނަން ވަރަށް ބޮޑު. ނަމަވެސް ކުޅުންތެރިންގެ ގޮތުން މިއަހަރުގެ ސްކޮޑް ކުޑަ. ނަމަވެސް ހަމްޕު އަދި ސަން މެން ފަދަ ޒުވާން ކުޅުންތެރިންނަށް، ސީނިއާ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އިތުބާރު ކުރަން،" ކަކާ ރިލޭ ބުންޏެވެ.

މިފަހަރު ހުރިހާ ޓީމެއްވެސް ވަރަށް ވަރުގަދަ ކަމަށާއި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު ނިއުއަށް ލީގަށް ވާދަ ކުރެވޭނެ ކަމަށް ރިލޭ ބުންޏެވެ.

އަދި އަމާޒަކީ އަންނަ އަހަރުވެސް އޭއެއެފްސީ ކަޕްގެ ޖާގަ ހޯދައި ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ނިއުގެ މަގާމު ދިފާއުކުރުން ކަމަށް އޭނާ ބުންޏެވެ.

ރިލޭ ބުނީ ނިއުގެ ސަޕޯޓަރުން ނަކީ އަބަދުވެސް ޓީމާއެކު ތިބޭ ބައެއް ކަމަށާއި މިއަދުގެ މެޗްގައިވެސް ސަޕޯޓަރުން ދަނޑަށް އައިސް "12 ވަނަ ކުޅުންތެރިޔާ"ގެ ދައުރު އަދާ ކޮށްދިނުމަށް އެދޭކަމަށެވެ.