23 Feb 2016, 10:53
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކުރާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގެ ދިފާއުގައި ދެ ނޫސްވެރިއެއްގެ ނަން އޭނާ ހުށަހަޅައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަށް މަހުލޫފު ހުށަހެޅުއްވި ދެ ނޫސްވެރިންނަކީ، ރާއްޖެ ޓީވީގެ ނޫސްވެރިޔާ، ލ. ގަން، ބީޗްހެވަން މުހައްމަދު ވިސާމްގެ ނަމާއި ވީޓީވީގެ، ނޫސްވެރިޔާ ހއ. ތަކަންދޫ ވެޔޮދަށުގެ އަހްމަދު ހަމީދު އާދަމްގެ ނަމެވެ.
މަހުލޫފާ ދެކޮޅަށް ކުރާ ދައުވާގައި ދައުލަތުން ވެސް މިއަދު ވަނީ، ހެކީންގެ ގޮތުގައި ހަ ފުލުހެއްގެ ނަން ހުށަހަޅައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، މުހައްމަދު މަމްދޫހު، އަލީ މުރުތަލާ، އަހްމަދު ހުސައިން، ރިލްވާން އާދަމް، އަހްމަދު އަބްދުލް ހަމީދު އަދި ހަސަން ފައިސަލްގެ ނަމެވެ.
މަހުލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާމެދު ގޮތެއް ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ދައުވާގައި ވެއެވެ.
ގާޒީ އިބްރާހީމް އަލީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނާނީ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސްކަން އިއުލާން ކުރެއްވުމަށްފަހުއެވެ.