23 Feb 2016, 10:40
ވާޖީނިއާ މެކްލޯރިންގެ ދިރިއުޅުން އެހާ ފަސޭހައެއް ނޫނެވެ. މިދިޔަ އަހަރުގެ ފިނިމޫސުމުގައި އޭނާ ހަނގުރާމަކުރީ ވޮޝިންޓަންގައި ހުންނަ އޭނާގެ އެޕާޓްމަންޓްގައި އެޅި ތަންމަކުނުތަކަކާ އެވެ. "ސްނޯޒިއްލާ"ގެ ނަންދީފައިވާ ވަރުގަދަ ސްނޯގެ ތޫފާނުގެ ސަބަބުން ގެއިން ނުނިކުމެ އެތައް ދުވަހަކު އިންނަން މިއަހަރު ޖެހުނެވެ.
އަދި އޭނާގެ އުމުރުން ވެސް މިހާރު ގާތްގަނޑަކަށް 107 އަހަރު ވެއްޖެ އެވެ.
ނަމަވެސް އެމެރިކާގެ ރައީސް ބަރަކްއޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝޭލް އޮބާއާ ބައްދަލުކުރަން މިދިޔަ ހަފުތާގައި ވައިޓްހައުސްގެ އޯވަލް އޮފީހަށް ވަން އިރު މިއިން އެއްވެސް ކަމަކީ އޭނާއަށް މަސައްލަކައަކަށް ނުވި އެވެ.
އެއް އަތުން މިނިވަން ދުނިޔެ( އެމެރިކާ)ގެ ލީޑަރުގެ އަތުގައި ހިފައިގެން އަދި އަނެއް އަތުން މިޝޭލް އޮބާމާގެ އަތުގައި ހިފައިގެން މެކްލޯރިން ނަށައިލީ ކޮޅުކޮޅަށް އުފާވެގެންނެވެ. އޭނާގެ ތުންފަތް ތަޅުވަމުން ދިޔައީ އުމުރުން 16 އަހަރުގެ ކުއްޖަކު ފަދައިންނެވެ. އަދި އޭނާގެ ހިނިތުންވުން ހުރީ ކެމެރާތަކުގެ ފްލޭޝްހާ އުޖާލާކޮށެވެ.
" އޭނާއަށް 106 އަހަރު؟" ގަބޫލުފުޅު ނުކުރެއްވިގެން ސުވާލުކުރައްވާ ގޮތަށް އޮބާމާ އެއްސެވި އެވެ.
"ނޫން ކަލެއަކަށް އަދި ނުވޭ( 106 އަހަރެއް)" މިޝޭލް ވިދާޅުވި އެވެ. "އަހަރެން ބޭނުމީ މުސްކުޅިވީމާ ކަލޭހެން ވާން" އެއަށް ފަހު އޭނާ ވިދާޅުވި އެވެ.
އެވަގުތުކޮޅަކީ ވަރަށް ތާރީހީ ވެސް ވަގުތުކޮޅެކެވެ. ދެން ކުއްލިއަކަށް މެކްލޯރިން ސީރިއަސްވި އެވެ.
"... އަހަރެން ހީކުރީ ވައިޓްހައުސްއަށް ވަދެވެންދެން އަހަރެން ދިރިނުހުންނާނެ ކަމަށް،" ސައުތު ކެރޮލީނާގައި 1909 ވަނަ އަހަރު އުފަންވި މެކްލޯރިން ބުންޏެވެ. އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކޮށްފައި ވަނީ ފަހާމީހެއްގެ ގޮތުގަ އެވެ. ހުވަފަތްވެފައި އޭނާ ހުންނަތާ ވެސް މިހާރު 70 އަހަރު ވެއްޖެ އެވެ.
އޭނާ އުފާވީ ގަދަރު ބޮޑު އެއިމާރާތަށް ވަދެވިގެންނެއްނޫނެވެ. ހާއްސަކޮށް އޭނާ އެހާ ބޮޑަށް އުފާވީ އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި، އެފްރިކާ ނަސްލުގެ ފުރަތަމަ ބޭފުޅާއާ ބައްދަލުވުމުންނެވެ.
"...އަހަރެން ބުނެފާނަން އަހަރެން މިހާ އުފާވީ ކީއްވެކަން،" އޮބާމާއާ ދިމާލަށް ބަލައިލުމަށް ފަހު އޭނާގެ އަނބިކަނބަލުންނާ ދިމާލަށް ބަލައިލަމުން މެކްލޯރިން ބުންޏެވެ.
"ކަޅު ރައީސެއް، ޔޭ، އަދި އޭނާގެ ކަޅު އަނބިކަނބަލުން،" އޭނާ ބުންޏެވެ.
މެކްލޯރިން ބުނީ އޭނާ އެތަނުގައި ހުރީ ކަޅު މީހުންގެ ތާރީހު ފާހަގަ ކުރުމަށް ކަމަށެވެ.
އޮބާމާއާއި މިޝޭލް މެކްލޯރިންއާ ބައްދަލުކުރެއްވި މަންޒަރުގެ ވީޑިއޯ އާދީއްތަ ދުވަހު ވަނީ ވައިޓްހަސްގެ ފޭސްބުކްޕޭޖްގައި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ ވަރަށް ބާރަށް ފެތުރި، ގާތްގަނޑަކަށް ނުވަ މިލިޔަން މީހުން ވަނީ ބަލާފަ އެވެ. އަދި އެއަށް 282000 ލައިކް ލިބުނު އިރު 223000 މީހުން އެ ވީޑިއޯ ޝެއާ ކުރިއެވެ.
ވީޑިއޯއަށް ކޮމެންޓް ކުރި މީހުން ވަނީ މެކްލޯރިންއަށް 106 އަހަރު ތެރޭގައި ފެނުނު ކަންތައްތަކާ މެދު ތައުރީފުކޮށްފަ އެވެ. އެ ދުވަސްތަކުގައި އޭނާއާއި އޭނާގެ ގައުމު ހާސިލުކޮށްފައިވާ ކަންތައްތަކަށް ވެސް މެއެވެ. ( ޗިކާގޯ ޓްރައިބިއުން)