ޗެމްޕިއަންސް ލީގްގެ ގަދަ 16ގައި މިރޭ ބާސެލޯނާއާ ދެކޮޅަށް އާސެނަލް ނިކުންނައިރު އެ ޓީމުން ބާސާކޮޅަށް ގޯލު ޖެހި ނަމަވެސް ބާސާ ހުއްޓުވަން އުނދަގޫ ވާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ވެންގާ ބުނީ އާސެނަލްއަށް މިރޭގެ މެޗަކީ ފަސޭހަވާނެ މެޗެއް ނޫން ކަމަށާއި ބާސާގެ އެޓޭކިން ޑިޕާޓްމަންޓަކީ މިވަގުތު ދުނިޔޭގައި ވެސް އޮތް އެންމެ ވަރުގަދަ އެޓޭކިން ފޯސް ކަމަށެވެ.

"ބާސާގެ އެންމެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ނޭމާގެ އިތުރުން ލުއިސް ސުއަރޭޒް، އާސެނަލް އަށް ވަރަށް ނުރައްކާކުރާނެ. އެ ކުޅުންތެރިން ހިފެހެއްޓުމަކީ ވެސް އުނދަގޫ ކަމަކަށް ވެފައި މި އޮންނަނީ،" ވެންގާ ބުންޏެވެ.

އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުގައި ގޯލެއް ކާމިޔާބު ކުރެވެފައިނުވާ އިރު އެ ޓީމަށް ގޯލު ނުޖެހުމުގެ މައްސަލަ ދިވާވެފައިވީ ނަމަވެސް ވެންގާ ބުނީ، މިރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ގޯލެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި އެކަމާ މާބޮޑަށް ކަންބޮޑު ނުވާ ކަމަށެވެ.

"ކުރިން އަހަރުތަކުގައި ވެސް އާސެނަލް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ދަނޑުގައި ބައިކޮޅަށް ގިނަ ގޯލުތަކެއް ވަނުން. މި މެޗުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓުމަކީ ވަރަށް ބޮޑަށް އިސްކަމެއްދީގެން ކުރާނެ ކަމެއް،" ވެންގާ ބުންޏެވެ.

ޗެމްޕިއަންސް ލީގްގައި ބައިކޮޅަށް ގޯލެއް ވަންނަ ކޮންމެ ފަހަރެއް ވެސް ވެންގާ ސިފަކޮށްފައި ވަނީ "ހިތަށް ވަޅިއެއް ހަރާލުން ފަދަ ކަމެއް"ގެ ގޮތުގައެވެ.