ޖަކާޓާ (ފެބްރުއަރީ 23): އިންޑޮނޭޝިއާގެ ކަނޑުން ގާނޫނާ ހިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން ހިފެހެއްޓި ބޭރު ގައުމުތަކުގެ 27 ބޯޓެއް އެ ގައުމުން ފައްތާލައިފި އެވެ.

ފިލިޕީންސްއަށާއި ވިއެޓްނާމަށާއި މެލޭޝިއަށާއި މިޔަންމާއަށް ނިސްބަތްވާ އެބޯޓުތަކުގެ ތެރެއިން ބައެއް ބޯޓުތައް ފަސް ސަރަހައްދަކަށް ފައްތާފައިވާ ކަމަށާއި އެހެން ބޯޓުތައް ގޮއްވާލާފައިވާ ކަމަށް އިންޑޮނޭޝިއާގެ ފިޝަރީސް މިނިސްޓަރު، ސުސީ ޕުޖިއަސްޓުޓީ ވިދާޅުވި އެވެ.

"އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ޓަކައި ސަރުކާރުން ދަނީ [މަސްވެރިކަން ކުރުމުގައި] ގަވާއިދުތަކަށް ބޯލަނބަތޯ ބަލަން ހަރުކަށި ފިޔަވަޅު އަޅަމުން،" ޕުޖިއަސްޓުޓީ ވިދާޅުވި އެވެ.

މީގެ އިތުރުން، މަސްވެރިކަން ކުރަން ހުއްދަދޭ ލިޔުންތައް ނެތުމުގެ ސަބަބުން އިންޑޮނޭޝިއާ އިން ވަނީ އެގައުމުގެ ހަތަރު ބޯޓެއް ވެސް ފައްތާލައިފަ އެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ އެހެން ގައުމުތަކަށް ނިސްބަތްވާ 117 ބޯޓު ހިފެހެއްޓުމަށް ފަހު ފައްތާލައިފަ އެވެ.

އިންޑޮނޭޝިއާގެ ކަނޑުން ގާނޫނާ ހިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވާ ކަމަށް ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ވިދާޅުވެފަ އެވެ. (އޭއެފްޕީ)