އޭއެފްސީ ކަޕްގައި މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭ އިންޑިއާގެ މޯހާން ބަގާން ކުޅޭނީ އަމިއްލަ ރަށުގައި ނޫން ކަމަށާއި މާޒިޔާގެ ކުޅުންތެރިންނަށް މެޗް އުނދަގޫ ނުވާނެކަމަށް އެޓީމުގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.

ރާއްޖޭ ގަޑިން މާދަމާ އިރުއޮއްސި 6:30 ގައި ކުޅޭން ހަމަޖެހިފަވާ މެޗް ކުޅެން ހަމަޖެހިފައިވަނީ މިމަހު ނިމިގެންދިޔަ ދެކުނު އޭޝިއާގެ ކުޅިވަރު މުބާރާތުގެ ފުޓްބޯޅަ އިވެންޓް ކުރިއަށް ގެންދިޔަ ގުވަހަތީގެ އިންދިރާގާންދީ އެތުލެޓިކްސް ސްޓޭޑިއަމްގައެވެ.

ސުޒޭން ބުނީ، އެ ދަނޑަކީ ދާދި ފަހުންވެސް ގައުމީ ޓީމުގައި މާޒިޔާގެ ގިނަ ކުޅުންތެރިން ކުޅެފައިވާ ދަނޑެއް ކަމުގައިވުމުން މާޒިޔާގެ ކުޅުންތެރިންނަށް ޕިޗްގެ މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.

ސުޒޭން ބުނީ މާދަމާގެ މެޗަށް ފަހު، އޭއެފްސީ ކަޕްގައި މާޒިޔާ ދެން ކުޅެންޖެހޭ ދެ މެޗް މާލޭގައި ކުޅެން ޖެހޭއިރު އަމާޒަކީ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދުން ކަމަށެވެ.

އޭރުން މާލޭގައި ކުޅޭ ދެ މެޗުން ތިން ޕޮއިންޓް ހޯދުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

ސުޒޭން ބުނީ މިއަހަރު ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އޭއެފްސީ ކަޕްގެ ކުރިން މުބާރާތެއް ނުލިބުން ކަމަށެވެ. ނަމަވެސް ކުރެވުނު ޕްރެކްޓިސްތަކާއި ބަލާފައި ރަނގަޅު ފައިޓެއް ދެވިދާނެ ކަމަށް ސުޒޭން ބުންޏެވެ.

"މިދިޔަ އަހަރު އޭއެފްސީ ކަޕަށް ދިޔައީ ޕީޕަލްސް ކަޕްގައި ވަރުގަދަ މެޗްތަކެއް ކުޅެފައި. އެކަމުގެ ސަބަބުން ޓީމު ކުޅުންތެރިން މެޗްތަކަށް ފޯކަސް ކުރުވި. މިފަހަރު އެފަދަ މުބާރާތެއް ނެތް. ނަމަވެސް ކުރެވުނު ޕްރެކްޓިސްތަކާއި ބަލާފައި ނަތީޖާއެއް ނެރވިދާނެ،" ސުޒޭން ބުންޏެވެ.