23 Feb 2016, 09:31
ދިމިޝްގު (ފެބްރުއަރީ 23):މިއަހަރުގެ އޭޕްރިލް 13ގައި ސީރިއާގައި މަޖިލިސް އިންތިހާބެއް ބާއްވާނެ ކަމަށް އެގައުމުގެ ރައީސް ބައްޝާރުލް އައްސަދު ވިދާޅުވެއްޖެ ކަމަށް ސީރިޔާގެ ސްޓޭޓް ނިއުސް އޭޖެންސީން ބުނެފި އެވެ.
ސީރިއާގައި އެންމެ ފަހުން މަޖިލިސް އިންތިހާބެއް ބޭއްވީ މޭ 2012އިގަ އެވެ. އެއީ ވެރިކަން ކުރާ ޕާޓީއާ އެކު އެހެން ޕާޓީތަކަށްވެސް އިންތިހާބުގައި ބައިވެރިވެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، އެއިންތިހާބުން ހޮވި 250 މެމްބަރުންގެ ތެރެއިން ގިނައީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނެވެ.
އެދުވަސްވަރު ސީރިއާގެ ބޮޑުވަޒީރުގެ ގޮތުގައި ހުންނެވި ރިއާދް ހިޖާބް ވަނީ އައްސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކާ ބައިވެރިވެވަޑައިގެންފަ އެވެ.
ދެހާސް އެގާރައިގައި ސީރިއާގައި ފެށުނު މަދަނީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 260،000 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން މީހުންވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ. (އޭއެފްޕީ)