ޔުއެފާ ޗެމްޕިއަންސް ލީގްގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ފޭވަރިޓުންނަކީ ބާސެލޯނާ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންރިކޭ ބުނީ އާސެނަލްގެ ދަނޑުގައި މިރޭ އެޓީމާ ދެކޮޅަށް ނިކުންނަ އިރު ބާސެލޯނާ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަށް ވެފައި ލީގްގައި ދައްކަމުން އަންނަ ކުޅުމާ އެކު އެ ޓީމު ފޭވަރިޓުންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ.

"ފޭވަރިޓުންގެ ގޮތުގައި އަހަރެމެން މި ވަނީ ލޭބަލްވެ ނިމިފަ. އަހަރެމެންނަކީ އެންމެ ފަހުގެ ޗެމްޕިއަން. މިއީ ދަށް ޓީމެއް ނޫން. އަހަރެމެން މި ކުރާ ކަންތައް ބަދަލެއް ނުކުރާނަން. ކޮންމެ މެޗަކަށް ވެސް ނިކުންނާނީ މޮޅުވާން،" އެންރިކޭ ބުންޏެވެ.

އޭނާ ބުނީ އާސެނަލް ބަލިކުރުމަށް ދަނޑުމަތިންނާއި ދަނޑުބޭރުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެއީ އާދައިގެ ދަށް ޓީމެއްގެ ގޮތުގައި ބާސެލޯނާއިން ނުދެކޭ ކަމަށެވެ.

"އާސެނަލްގެ އެބަހުރި މެޗު ކޮންޓްރޯލު ކޮށްގެން ކުޅުމުގެ ގާބިލްކަން. އެމީހުންގެ ދަނޑުގައި ކުޅޭއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. ވަރުގަދަ ސްކޮޑެއްވެސް އެބަ އޮތް އެ ޓީމުގެ،" އެންރިކޭ ބުންޏެވެ.

ބާސެލޯނާއިން އެންމެފަހުން ކުޅުނު 32 މެޗުން ވެސް ބަލިވެފައިނުވާއިރު އެޓީމް އޮތީ ވަރަށް ރަނގަޅު ފޯމައްގައެވެ. އެގޮތުން މިރޭގެ މެޗަށް ބާސެލޯނާ ނިކުންނައިރު އެ ޓީމުގައި އަނިޔާގެ މާ ބޮޑު މައްސަލައެއް ނޫޅޭ ކަމަށް އެންރިކޭ ބުނެއެވެ.

ޗެމްޕިއަންސް ލީގްގެ ގަދަ 16ގެ ފުރަތަމަ ލެގްގައި މި ދެ ޓީމް ބައްދަލު ކުރާ މެޗު މިރޭ 00:45 ގައި ކުޅެވޭއިރު ދެވަނަ ލެގްގެ މެޗު ބާސާގެ ދަނޑުގައި ކުޅެވޭނީ މާޗު ތިން ވަނަ ދުވަހުއެވެ.