ޖަލުގެ ކުޑަ ގޮޅީގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު އަންނަ ބުރާސްފަތި ދުވަހު ޖަލުން މިނިވަންކުރަން ނިންމައިފިއެވެ. އެކަން އިންޑިއާގެ ޕްރިޒަން އޮތޯރިޓީސް ތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ހަބަރުތައް ބުނާ ގޮތުން، އިންޑިއާގެ ޔެރްވަދާ ޖަލުން ސަންޖޭ މިނިވަން ކުރަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ އަށް މަރުހަބާ ކިޔުމަށް އަންހެނުން މަންޔަތާ އާއި ދަރިން އަދި އާއިލާ މެމްބަރުން ޖަލުކައިރިއަށް ދާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ސަންޖޭ ދަތުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތު ވުމުންނެވެ.

އޭނާ އެހުކުމް ތަންފީޒު ކުރަމުން ދިޔައީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އިންޑިއާގެ ކޯޓަކުން 2013 ވަނަ އަހަރު ކުރި ހުކުމަށް ސުޕްރީމްކޯޓުން ތާއީދު ކުރުމުންނެވެ.