ހަކުރު ބައްޔަކީ ދުނިޔޭގެ އެތަކެއް ބަޔަކު ތަހައްމަލު ކުރަމުން އަންނަ "ސައިލެންޓު" ބައްޔެކެވެ. އެ ބައްޔަކީ، ބަލީގެ އަލާމާތްތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަ ބައްޔެއް ނޫނެވެ. ހަމަ އެހެންމެ، އެއީ ވަކި އުމުރަކަށް ވަކި ޖިންސަކަށް ޖެހޭ ބައްޔެއް ވެސް ނޫނެވެ.

ހަކުރު ބަލި ޖެހުމުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. އެގޮތުން ކޮންމެ ކޮންމެ ކެއުމެއް ކެއުން ބުއްދިވެރިއެއް ނޫނެވެ. އަދި ކޮންމެ ކޮންމެ ބުއިމެއް ބޭނުން ކުރުން ވެސް ބުއްދިވެރިއެއް ނޫނެވެ. ކުރު ގޮތަކަށް ބުނާ ނަމަ، ލޭގެ ގުލޫކޯޒް ލެވެލް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ފާޑުފާޑުގެ ކެއުންތަކާއި ބުއިންތަކުން ދުރުހެލިވާނެ ޖެހެ އެވެ.

އެހެންކަމުން ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ ސްމޫތީސްތަކަކަށް ބަލާލާނަމެވެ.

ސްވީޓު ޕޮޓޭޓޯ ސްމޫތީ

ބޭނުންވާ ތަކެތި:

ޖޯޑެއްގެ ދެބައި ކުޅައެއްބައި ކައްޓަލަ (ކައްކާ، ތޮށި މަށާފައި)، ޖޯޑެއްގެ ދެބައިކުޅަ އެއްބައި އަންސްވެޓެންޑު އާމަންޑު ކިރު، ދޮންކެޔޮވަކެއްގެ ދެބައި ކުޅައެއްބައި، ސައިސަމްސަލެއްގެ ހަތަރު ބައިކުޅައެއްބައި ފޮނިތޮށި، އެއް ސައިސަމްސާ ޕީނަޓު ބަޓަރު ނުވަތަ އާމަންޑު ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

ހުރިހާއެއްޗެއް ގުރައިންޑަރުގައި ހިމުން ވާވަރަށް ގްރައިންޑު ކޮށްލާށެވެ.

ގްރީން ސްމޫތީ ބަނާނާ

ބޭނުންވާ ތަކެތި:

އެއްވަށް ދޮންކެޔޮ، ކުޑަ އެވޮކާޑޯއެއްގެ ދެބައި ކުޅައެއްބައި، ދޭއް ނުވަތަ ތިން ޖޯޑު ސްޕިނެޗު، އަށް އައުންސް އަންސްވެޓެންޑު އާމަންޑު ކިރު،

ތައްޔާރު ކުރާނެ ގޮތް: އެންމެ ފުރަތަމަ، ސްޕިންޗު އާއި އާމަންޑު ކިރު ގްރައިންޑު ކުރާށެވެ. އެއަށް ފަހު އެވޮކާޑޯ އާއި ދޮންކެޔޮ އެއްކޮށްލުމަށް ފަހު ގްރައިންޑު ކުރާށެވެ.

މިކްސްޑު ފުރުޓު އެންޑު ވެޖިޓަބަލް ސްމޫތީ

ބޭނުންވާ ތަކެތި:

އާފަލެއް، ދޮންކެޔޮވަކެއް، ކެރެޓެއް، ސެރެލީ ސްޓިކެއް، އެއް ލުނބޯ، ކައްޓަލައެއް، އެއްސައިސަމްސާ ފޮނިތޮށި، ސައިސަމްސަލެއްގެ ދެބައި ކުޅައެއްބައި ކެޔިން ޕެޕާ، އެއް ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް އެއްކޮށް ގުރައިންޑު ކޮށްލާށެވެ.