މީހުން ދިރިއުޅޭ ގެތައް ފެންނާނެ ގޮތަށް، ވަރަށް ތަފްސީލީ ޗާޓުތަކެއް އުފައްދައި، އެތަކެތި މިއަހަރު ތެރޭގައި އާންމު ކުރާނެ ކަމަށް ފޭސްބުކްއިން ހާމަކޮށްފި އެވެ.

ފޭސްބުކްއިން އެ ކުންފުނީގެ ބްލޮގުގައި ބުނެފައި ވަނީ، ސެޓެލައިޓު އިމޭޖު ސްކޭން ކުރުމަށާއި، އިންސާނުން ހަދާފައިވާ ތަންތަނާއި ތަކެއްޗާއި ބިނާތައް ފާހަގަ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ދާ ކަމަށެވެ.

ފޭސްބުކްއިން ބުނީ، މި މެޕުތަކުން ލިބޭ މައުލޫމާތަކީ އިގްތިސާދީ އަދި އިޖްތިމާޢީ ކަންކަމާއި ދިރާސާތަކާއި، އަދި ގުދުރަތީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ވާންޖެހޭ ތައްޔާރީތައް ވުމަށް ބޭނުންތެރި މައުލޫމާތަށް ވާނެ ކަމަށެވެ.

ފޭސްބުކްއިން ދުނިޔޭގެ ތަފްސީލީ މެޕުތަކެއް އުފައްދާނެކަން އިއުލާނު ކުރީ މިދިޔަ އަހަރު، އެކުންފުނީގެ "އަކުއިލާ" ޑްރޯން ތައާރަފު ކުރުމަށް ބޭއްވި ހަފްލާއެއްގަ އެވެ. ފޭސްބުކްގެ އިންޖިނިއަރިންގ ޗީފް ޖޭ ޕަރިކް ވިދާޅުވީ، މި ޑްރޯންތަކަށް، ދުނިޔޭގެ ބިމުގައި ހުރި ޓެންޓު ފަދަ ތަކެތި ދެނެގަތުމުގެ ކުޅަދާނަކަން ލިބިގެން ވާނެ ކަމަށެވެ.

ފޭސްބުކް ބޭނުންކުރާ މީހުން ދިރިއުޅޭ ތަންތަން ފަދަ މައުލޫމާތު ޗާޓުތަކުން ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ދާތީ، ބައެއް މީހުން ދަނީ މިއީ ފޭސްބުކްއިން އެ ނެޓްވޯކް ބޭނުންކުރާ މީހުންނަށް "ޖާސޫސު ކުރުމަށް" ކުރާ ކަމެއް ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.

އެހެން ނަމަވެސް ކަމަކަށް ބޭނުންޖެހި، ނުރައްކާ ނުވަތަ ނާޒުކު ހާލަތެއް ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅޭ މީހުން ދެނެގަނެ، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއީ ކުރުން ރަނގަޅު ކަމެއް ކަމަށް އިނގިރޭސި ވިލާތުގެ ރެޑް ކްރޮސް ޖަމާޢަތުން ބުނެ އެވެ.